އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި "އެ ގަހު ކޭލެއް، މި ގަހު ކޭލެއް" ނޭނގުނު ކަމަށާއި އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ މެމްބަރުން ވެސް ވޯޓުލީ ކަމަށް، ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މިއަދު ތުހުމަތު ކުރައްވައިފި އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ވޯޓާސް ލިސްޓުގައި ޕީޕީއެމާއި ޕީއެންސީގެ ބައެއް ސަޕޯޓަރުންގެ ނަން އޮތް ކަމަށެވެ. އެ މީހުން ގޮސް އިންތިހާބުގައި ވޯޓުލީ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ އިންތިހާބުގައި ވޯޓުލާން ނުކުތް ޖުމުލަ އަދަދު ދެނެގަންނަން އުނދަގޫ ކަމެކެވެ.
"ޕާޓީތަކުގެ އެތެރޭގޭ އިންތިހާބުތައް މި ނޫން ގޮތެއް ހޯދަން ޖެހޭ،" އާދަމް ޝަރީފު ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގެ މެމްބަރުންގެ އިތުރުން، ދުވަހަކު ވެސް އެމްޑީޕީ އަށް ސޮއިނުކުރާ މީހުން ވެސް މި އިންތިހާބުގައި ވޯޓުލާފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.
އެމްޑީޕީން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 93،000 އަށް ވުރެ ގިނަ މެންބަރުންނަށް ލިބިފައިވެ އެވެ. އެކަމަކު، އިލެކްޝަންސް ކޮމިޝަންގައި އޮންނަ އެމްޑީޕީގެ ދަފްތަރުގައިވާ ގޮތުން ނަމަ އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 53،000 އެވެ.
އިންތިހާބުގައި އެކި ދާއިރާތަކަށް 733 ކެންޑިޑޭޓުން ވާދަކުރި އެވެ. މީގެ ތެރެއިން ހޮވަން ޖެހުނީ 455 ކެންޑިޑޭޓުންނެވެ. ވާދަކުރާނެ އިތުރު މީހަކު ނެތުމުން ވޯޓަކާ ނުލައި 165 މީހުން ވަނީ ހޮވިފަ އެވެ.
ވޯޓުލީ އެޕްރީލް 24އާ ހަމައަށް އެމްޑީޕީގެ ލިސްޓަށް
މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ނިމުނު އިންތިހާބުގައި ވޯޓުލީ އެމްޑީޕީގެ ވޯޓާސް ލިސްޓަށް ކަމަށެވެ. އެއީ އިލެކްޝަންސް ކޮމިޝަންގައި އޮންނަ އެމްޑީޕީގެ ދަފްތަރެއް ނޫނެވެ.
މިދިޔަ އެޕްރީލް 24އާ ހަމައަށް އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ލިސްޓުގައި ހިމަނާފައިވާ ނަމަ ވޯޓުލުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ނެޝަނަލް އެގްޒެކެޓިވް ކޮމިޓީ (އެންއީސީ)ން ފާސްކޮށްފައި އޮތް ކަމެއް ކަން ފާހަގަކުރެއްވި އެވެ.
ވޯޓާސް ލިސްޓު ހެދީ، ހަސަން ވިދާޅުވި ގޮތުގައި، އެންއީސީގެ ފާސްކުރުމާ އެއްގޮތަށް މެމްބަޝިޕް ކޮމިޓީންނެވެ. އެކަމުގައި ޗެއާޕާސަނަށް އިތުރު ގޮތެއް ނިންމެން ނޯންނަ ކަން ވެސް ފާހަގަކުރެއްވި އެވެ.
އެ ލިސްޓުގައި ޕީޕީއެމްގެ ބައެއް މެމްބަރުންގެ ނަން ހުރި ކަން އިންތިހާބުގެ ކުރިން ފާހަގަވެެގެން ޕީޕީއެމާއި އިލެކްޝަންސަށް ގުޅައިގެން ވެސް ވޯޓު ނުލެވޭ ގޮތް ހެދި ކަމަށް ވިދާޅުވި އެވެ.
"އާދަމް ޝަރީފަށް ގުޅައިގެން، އާދަމް ޝަރީފް މެދުވެރިކޮށް ވެސް ސާފުކޮށްފައި ހުންނާނެ ޕީޕީއެމް ޕީއެންސީތޯ. ވޯޓާސް ލިސްޓުން އުނިކޮށްފައި ވެސް ހުންނާނެ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތުހުމަތުކުރާހާ ބޮޑު އޮޅުވާލުންތަކެއް އިންތިހާބުގައި ނުހިނގަ އެވެ. އިންތިހާބު ކުރިއަށް ދިޔައީ ރޭވި އިންތިޒާމުވެ ތަރުތީބުން ކަމަށް ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ މިހާ ގިނަ ކެންޑިޑޭޓުންނާ އެކު މުޅި ރާއްޖޭގައި އިންތިޒާމުވެގެން އިންތިހާބުތަކެއް ނުބާއްވާ ކަމަށެވެ. އިއްޔެގެ އިންތިހާބުގައި ވެސް އެމްޑީޕީން ދެއްކީ ރީތި ނަމޫނާއެއް ކަން ފާހަގަކުރެއްވި އެވެ.