ޅ. ކުރެންދޫގެ އިރު ދެކުނު ފަރާތުން މިއަދު ވަރަށް ބޮޑަށް އުދަ އަރައި، އެ ރަށުގެ ރީތި ފުޓުބޯޅަ ދަނޑު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެ އެވެ.
ކުރެންދު އަށް އުދަ އަރަން ފެށީ ރޭ ފަތިހު ތިނެއް ޖަހާކަން ހާއިރު އެވެ. އެ ރަށުގެ ވަރަށް ބޮޑު ބަޔަކަށް ވަނީ އުދަ އަރައިފަ އެވެ. އިއްޔެ މެންދުރު ވެސް އެ ރަށުގެ ހޭޅި ފަށަށް ވަރަށް ކުޑަކޮށް އުދަ އަރާފައިވެ އެވެ.
ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ސިމާއު "މިހާރު" އަށް ވިދާޅުވީ ޓާފު އަޅައިގެން ހަދާފައި އޮތް ފުޓުބޯޅަ ދަނޑުގެ ވަށާފާރުންް ވެސް ބައެއް އުދައިގައި ވެއްޓިފައިވާ ކަމަށެވެ. އަދި ޓާފުގެ މަތި ވަނީ ވެއްޔާއި ގަލުން ފުރިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ތިބީ. މިއީ މި ރަށުގެ ރައްޔިތުން އަމިއްލަ މަސައްކަތުން ހެދި ދަނޑެއް،" ސިމާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަނޑުގެ އިތުރުން ރަށު ތެރޭ ވަރަށް ބޮޑު ބަޔަކަށް އުދަ އަރައި، ދެ ގެއެއްގައި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ވަރަށް ގިނަ ގޭގެގައި ހައްދާފައިވާ ގަސްގަހާގެއްސަށް ވެސް ލޮނުގެ އަސަރުކޮށް، ގެއްލުންވެފައިވާ ކަމަށް ވިދާޅުވި އެވެ.
އުދަ އަރައި ރަށު ތެރޭ ފެންބޮޑުވުމުން އެމްއެންޑީއެފުން ވެސް ވަނީ މިއަދު ހެނދުނު ފެން ހިއްކުމުގެ މަސައްކަތް ކޮށްފަ އެވެ.
މި ދަނޑު ހަދާފައި ވަނީ އެ ރަށުގެ އިރު ދެކުނު ފަރާތުން ބިން ހިއްކައިގެންނެވެ.
ކުރެންދޫގައި ޓާފު އަޅައިގެން ފުޓުބޯޅަ ދަނޑެއްގެ ހެދުމުގެ މަސައްކަތް އެ ރަށުގެ ޒުވާނުން އިސްވެ، ހުރިހާ ރައްޔިތުންގެ ބައިވެރިވުމާ އެކު ފެށީ 2017 ގަ އެވެ. އެއް އަހަރު ދުވަހުގެ ތެރޭ މަސައްކަތް ނިންމާލި މި ދަނޑަށް 1.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ.