މިހާރު ގޫގުލް އިން ފަތްޖެހޭ ފޯނެއް ނެރެން ތައްޔާރުވަމުން އަންނަ އިރު، އެ ކުންފުނިން އަނެއްކާވެސް އެ ޒާތުގެ އިތުރު ފޯނަކަށް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ގޫގުލް އިން މަސައްކަތް ފަށާފައިވާ ފަތްޖެހޭ ދެވަނަ ފިކްސެލް ފޯނުގެ ކޯޑް ނަމަކީ "ޖަމްބޯޖެކް" އެވެ. އެ ނޫހުން ބުނި ގޮތުގައި އެ ނަން ގުޅުވާފައި ވަނީ އެންޑްރޮއިޑް 12 ގެ ކުރިއަށް އޮތް ވާޝަން އެންޑްރޮއިޑް 12.1 އާ އެވެ.
ގޫގުލްގެ ފަތްޖެހޭ ދެވަނަ ފޯނާ ބެހޭ ބޮޑު ތަފުސީލެއް އަދި ނެތަސް ގޫގުލް އިން ބުނެފައިވާ މި މޮޑެލް އަކީ ފޯނު ފަތްޖައިލުމުން އޭގެ އެއް ޑިސްޕްލޭ ޑިއެކްޓިވޭޓްވާ ގޮތަށް ފަރުމާކުރާ އެއްޗެކެވެ.
އެ ކުންފުނީގެ ފަތްޖެހޭ ފުރަތަމަ ފޯނުގެ ކޯޑް ނަމަކީ "ޕާސްޕޯޓް" އެވެ. މި އަހަރު ނިމުމުގެ ކުރިން އެ ފޯނު ނެރޭނެ ކަމަށް މީޑިއާތަކުން ބުނެ އެވެ. އެކަމަކު ގޫގުލް އިން މާ ބޮޑު ތަފުސީލެއް ނުދެ އެވެ. ބައެއް މީޑިއާތަކުން ބުނާ ގޮތުން އަންނަ މަހުގެ ތެރޭގައި "ޕާސްޕޯޓް" ލޯންޗްކުރާނެ ކަމަށް ބެލެވެ އެވެ.
ފަތްޖެހޭ ފޯނު ނެރުމަކީ މިހާރު ސްމާޓްފޯނު އުފައްދާ ކުންފުނިތަކުގެ މެދުގައި ވަރަށް ވާދަވެރިކަމެކެވެ.
އެންމެ ފަހުން ބާޒާރަށް ނެރުނު ފަތްޖެހޭ ފޯނަކީ އެންމެ ފުރަތަމަ ފަތްޖެހޭ ފޯނުގެ މަސައްކަތް ކާމިޔާބާކުރި ދެކުނު ކޮރެއާގެ ސެމްސަންގެ ގެލެކްސީ ޒީ ފޯލްޑް3 5ޖީ އެވެ.