މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުން ފަސްކޮށްފި އެވެ.
މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ ދައުލަތުން ކުރަނީ ހައުސިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ނެދަލެންޑްސްގައި ހުންނަ އާބިޓްރޭޝަނަށް ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ފަސްކުރީ ޔާމީންގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ދާތީ އެވެ. ސަބަބަކީ މުއިއްޒުގެ ވަކީލުންގެ ޓީމުގައި ތިއްބަވާ ބައެއް ވަކީލުން ޔާމީންގެ މައްސަލާގައި ވެސް ވަކާލާތު ކުރައްވާތީ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
މުއިއްޒުުގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ އެވެ.
ނޫމަޑިއާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލަ އެ ކުންފުނިން އާބިޓްރޭޝަނަށް ހުށަހަޅާފައި ވަނިކޮށް މި ސަރުކާރުން ވަނީ އެ ކުންފުންޏާ އެކު މަޝްވަރާ ކުރުމަށްފަހު 55 މިލިއަން ޑޮލަރުގެ ބަދަލެއް އެ ކުންފުންޏަށް ދޭން އެއްބަސްވެފަ އެވެ.