އެޕަލްގެ އާ ޕްރޮޑަކްޓްތައް ދައްކާލަން ބޭއްވި ހާއްސަ އިވެންޓްގައި، ޑިޒައިނަށް ބޮޑު ބަދަލެއް ނުގެނެސް އާ އައިފޯން 13 އާ ކުލަތަކާ އެކު ދައްކާލައިފި އެވެ. އެކަމަކު މިރޭ ތައާރަފްކުރި އައިފޯން 13 ޕްރޯ އާއި ޕްރޯ މެކްސް ތަފާތެވެ.

އައިފޯން ޕްރޯގައި އޭ15 ބަޔޮނިކް ޗިޕް ހިމަނައި މުޅިން އާ ތިން ކެމެރާ ވަނީ ހިމަނައިފަ އެވެ. އަދި ޑިސްޕްލޭ ވެސް ވަނީ 120 ހާޓްޒް އަށް މަތިކޮށްފަ އެވެ. ކެމެރާތަކަށް ގެނައި ބަދަލުގައި ސިނެމަޓިކް ވީޑިއޯ ނެގުމާއި މެކްރޯ ފޮޓޯ ނެގުމަށް ވެސް ހާއްސަވާނެ އެވެ. އަދި މިއީ މިހާތަނަށް ބެޓެރީ އެންމެ ގިނައިރު ހިފަހައްޓާ އައިފޯނެވެ. އެންމެ ފަހުގެ ޕްރޯ މެކްސްއަށް ވުރެ ދޮޅު ގަޑިއިރު އިތުރަށް ބެޓެރީ ހިފަހައްޓާނެ އެވެ.

އައިފޯން 13 ޕްރޯ މެކްސް
އައިފޯން 13 ޕްރޯ މެކްސް

އައިފޯން 13 ޕްރޯގެ އަގު ފެށެނީ 999 ޑޮލަރަށެވެ. އަދި ޕްރޯ މެކްސް 1099 ޑޮލަރަށެވެ. އަންނަ ހުކުރު ދުވަހުން ފެށިގެން މި ފޯނުތައް ޕްރީ އޯޑަރަށް ހުޅުވާލައި މި މަހު 24 ގައި ބާޒާރަށް ނެރޭނެ އެވެ. މި ފޯނުތަކުގެ ސްޓޮރޭޖް 1 ޓެރަބައިޓާ ހިސާބަށް ލިބެ އެވެ. އެއީ 128 ޖީބީ، 256 ޖީބީ، 512 ޖީބީ އަދި 1 ޓެރަބައިޓެވެ.

އައިފޯން 13 އާއި މިނީގައި ވަނީ ކުރީގެ ފޯނުތަކާ އަޅާބަލާއިރު ޕަފޯމަންސް ވަރުގަދަކޮށްފަ އެވެ. އެގޮތުން، ފޮޓޯ އާއި ވީޑިއޯގެ ފެންވަރު ވަނީ ވަރަށް ބޮޑަށް މަތިކޮށްފަ އެވެ. އަދި މި ފޯނުތަކުގެ ނޮޗް ވެސް ވަނީ ކުޑަކޮށްފަ އެވެ.

އައިފޯން 13 އާއި އައިފޯން 13 މިނީ ތައާރަފްކުރަނީ
އައިފޯން 13 އާއި އައިފޯން 13 މިނީ ތައާރަފްކުރަނީ

އައިފޯން 13 އާއި އައިފޯން 13 މިނީގެ ވެސް ޑިޒައިނަކީ މިދިޔަ އަހަރު ނެރުނު އައިފޯން 12 އާ ދާދި އެެއްގޮތެކެވެ. އެކަމަކު ފޮޓޯ އާއި ވީޑިއޯ ފީޗާއިން ބޮޑެތި ތަފާތުތައް ފާހަގަވެފަ އެވެ.

އައިފޯން 13 މިނީގެ ފެށޭ އަގަކީ 699 ޑޮލަރެވެ. އައިފޯން 13 ގެ ފެށޭ އަގަކީ 799 ޑޮލަރެވެ.

އެޕަލް ވޮޗް ސީރީޒް 7 މިރޭ ތައާރަފްކުރީ އެންމެ ފަހުން ތައާރަފްކުރި ގަޑިއަށްވުރެ 40 ޕަސެންޓް ތުނިކޮށް އަދި ސްކްރީން ސައިޒް 50 ޕަސެންޓް ބޮޑުކޮށެވެ. ފިޓްނެސް އެޕާއި އެހެން ފީޗާތައް ވެސް ވަނީ ކުރިއަށްވުރެ އެތައް ގުނައެއް އިތުރުކޮށްފަ އެވެ.

އެޕަލް ވޮޗް ސީރީޒް 7 ގެ ކުލަތައް
އެޕަލް ވޮޗް ސީރީޒް 7 ގެ ކުލަތައް

މި ގަޑިގައި ސްކްރީން ތަޅައިގެން ދިއުމުގެ ފުރުސަތު ކުޑަވާނެ އެވެ. އަދި ޑަސްޓް ޕްރޫފްވާނެ އެވެ. މިއީ ކުރިއަށްވުރެ 33 ޕަސެންޓް އަވަހަށް ޗާޖުވާ ގަޑިއެކެވެ. އަދި 18 ގަޑިއިރު ބެޓެރީ ހިފަހައްޓާނެ އެވެ. މީގެ އަގަކީ 399 ޑޮލަރެވެ.

އައިޕެޑް މިނީ
އައިޕެޑް މިނީ

އެޕަލް އިން މިރޭ ވަނީ އެންޓްރީ ލެވަލްގެ އެންމެ މަގުބޫލު އައިޕެޑަށް އަޕްގްރޭޑްތަކެއް ގެނެސް ތައާރަފްކޮށްފަ އެވެ. އެޕަލް އިން 2010 ގައި ނެރުނު މި އައިޕެޑަށް މިފަހަރު ވަނީ އޭ13 ބަޔޮނިކް ޕްރޮސެސާ ގެނެސްފަ އެވެ. މިއީ ނައިންތު ޖެނެރޭޝަންގެ އައިޕެޑެކެވެ. މީގައި 12 މެގަޕިކްސެލްގެ ފްރަންޓް ކެމެރާ ހިމަނައި މިދިޔަ އަހަރު އައިޕެޑް ޕްރޯގައި ހިމެނި ސެންޓަ ސްޓޭޖް ފީޗާ ވެސް ވަނީ ހިމަނައިފަ އެވެ. މީގެ 64 ޖބީގެ އަގަކީ 329 ޑޮލަރެވެ.

އައިޕެޑް މިނީގެ ޑިޒައިނަށް ވެސް ބަދަލު ގެނެސް ޔޫއެސްބީ ސީ ޕޯޓް ވަނީ ހިމަނައިފަ އެވެ. އަދި 5ޖީ އާ އެކު އާ ކުލަތައް ވެސް މިފަހަރު ލިބޭނެ އެވެ. މީގައި ވެސް ވަނީ ކެމެރާ ވަރުގަދަކޮށްފަ އެވެ. މިއަދުން ފެށިގެން އޯޑަކުރެވޭ ގޮތަށް މީގެ އަގަކީ 499 ޑޮލަރެވެ.