އެމްޓީސީސީން ބޭނުންކުރާ ކޮންނަ ބޯޓު މަހާޖައްރާފަށް ދިވެހި ކެޕްޓަނަކު ހޯދަން މިއަދު އިއުލާން ކޮށްފި އެވެ.
އެ އިއުލާނުގައިވާ ގޮތުން، ކެޕްޓަނުގެ މަގާމަށް ހޮވޭ މީހަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 109،000ރ. ލިބޭނެ އެވެ. އަދި އެހެން އެލަވެންސްގެ ގޮތުގައި ޕެންޝަން ސްކީމާއި ސްޓާފް މެޑިކަލް އިންޝުއަރެންސުގައި ބައިވެރިވެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މަހާ ޖައްރާފުގެ ކެޕްޓަނަކަށް ކުރިމަތިލެވޭނީ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ: މާސްޓަ އަންލިމިޓެޑް (500 GT ގެ އުޅަނދެއްގެ މާސްޓަރުކަން (STCW II/2)) ފުރިހަމަކޮށް، ޖީއެމްޑީއެސްއެސް ސެޓްފިކެޓް ހޯދާފައިވާ މީހުންނަށެވެ.
މި މަގާމަށް ޝައުގުވެރިވާ މީހުންނަށް އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް، މިމަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ވަޒީފާ އަށް އެދި ހުށަހެޅޭނެ އެވެ.
މަހާޖައްރާފު ކުރިން އޮޕަރޭޓު ކުރީ 100 ޕަސެންޓު ބިދޭސީ ކްރޫންނާއެކުގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އެމްޓީސީސީން ވަނީ ދިވެހި ކްރޫންނަށް ބަދަލުކޮށްފަ އެވެ. މިއީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހި ކޮށްދިނުމަށް ގެނައި ބަދަލެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.