އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކޮށްފި ނަމަ، އެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި ހުރިހާ ޚަރަދެއް ބޭކާރުވާނެ ކަމަށް ކޮމިޝަނުން ކޯޓުގައި މިއަދު ބުނެފި އެވެ.
ޕީޕީއެމްގެ އެތެރޭގައި ޖެހުނު މައްސަލަތަކާ ގުޅިގެން އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ އިންތިޚާބު ދެ މަހަށް ފަސްކޮށްދިނުމަށް، އެ ޕާޓީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އިލެކްޝަންސްގެ ކޮމިޝަނާއި އެ މައްސަލައަށް ތަދައްޚުލްވި ފަރާތްތައް ކަމަށްވާ ޕީޕީއެމް ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމްޑީޕީ އަދި އަދާލަތުން ވަކާލާތުކުރީ އިންތިޚާބު ފަސްކުރުމާ ދެކޮޅަށެވެ.
އިލެކްޝަންސްގެ ވަކީލް ވިދާޅުވީ އިންތިޚާބު އިތުރަށް ފަސްކޮށްފި ނަމަ، އެ އިންތިހާބުގެ ތައްޔާރީތަކަށް މިހާތަނަށް ކޮމިޝަނުން ކުރި ހުރިހާ ޚަރަދެއް ބޭކާރުވާނެ ކަމަށެވެ. އެހެންވެ ކޮމިޝަނުން ވަކާލާތު ކުރީ އިންތިޚާބު ފަސްކުރަން ނުޖެހޭ ކަމަށް ބުނެ އެވެ.
މީގެ ކުރިން ބޭއްވި އެއްވެސް އާންމު އިންތިޚާބެއް ގާނޫނުގައި ބުނާ މުއްދަތުގައި ނުބޭއްވޭ ކަމަށް ޕީޕީއެމުން ބުނުމުން އެކަމަށް ރައްދު ދެއްވައި، އިލެކްޝަންސްގެ ވަކީލް ވިދާޅުވީ މާޒީގައި އިންތިޚާބުތަކެއް ލަސްވެފައި އޮތުން ނުވަތަ މުއްދަތުގެ ފަހުން ބޭއްވިފައި އޮތުމަކީ ކުރިއަށް އޮތް އިންތިޚާބެއް ވެސް ލަސްކުރަން ޖެހޭނެ ސަބަބެއް ނޫން ކަމަށެވެ.
ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެން އޮތީ، އެ އިންތިޚާބަށް ކޮމިޝަނުން މިހާރު ކަނޑައަޅާފައި އޮތް ތާރީޚުގައި އެކަން ކޮށްގެން ކަމަށާއި އެހެންވެ އިންތިޚާބު ފަސްކުރަން ނުޖެހޭ ކަމަށް ވަކީލް ވިދާޅުވި އެވެ.
ޕީޕީއެމްގެ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވިދާޅުވީ ރާއްޖޭގައި ފަހުގެ ތާރީޚުގައި ބޭއްވި އެއްވެސް އާންމު އިންތިޚާބެއް ގާނޫނުގައި ބުނާ މުއްދަތުގައި ބޭއްވިފައި ނެތް ކަމަށެވެ. ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި ލިޔުންތައް ގެއްލުމުގެ ސަބަބުން ޕާޓީގެ މެމްބަރުންނަކީ ކޮބައިކަން ނޭނގޭ ކަމަށާއި އެހެންވެ އިންތިޚާބުގެ ކުރިން ބާއްވަންޖެހޭ ޕްރައިމަރީ އަށް ވެސް ހުރަސް އެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަނޑުހައި ހޫނުކަން ފިލުވަން އިތުރު ގޮތެއް ނެތް ނަމަ، ބަނގުރަލާއި މުޅަ ތަކެތި ކެއުމާއި ބުއިން ވެސް އިސްލާމް ދީނުގައި ހުއްދަ ކުރައްވާފައިވާ ކަން ފާހަގަ ކުރައްވައި، ރިޒާ ވިދާޅުވީ ޕީޕީއެމަށް ދިމާވި ހާލަތަށް ބަލާއިރު އިންތިޚާބު ފަސްކުރަންޖެހޭ ޟަރޫރީ ހާލަތެއް އެބައޮތް ކަމަށެވެ.
މައުމޫންގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ އިންތިޚާބެއް ފަސްކުރުމަކީ ވަރަށް ބިރުވެރިކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމުން އެދޭ ގޮތަށް ހުކުމްކޮށްފި ނަމަ، ގާނޫނުގައި ބުނާ މުއްދަތުގައި ދުވަހަކު ވެސް ރާއްޖޭގައި އިންތިޚާބެއް ނުބޭއްވޭނެ ކަމަށެވެ. އޭރުން ބޭނުން މުއްދަތެއްގައި އިންތިޚާބުތައް ބާއްވަން ފުރުސަތު ހުޅުވޭނެ ކަމަށާއި އޭގެ އަސަރު ކުރިއަށް އޮތް އިންތިޚާބުތަކަށް ވެސް ކުރާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ވަކި ކެންޑިޑޭޓަކަށް ނުވަތަ ޕާޓީއަށް ދިމާވާ މައްސަލައަކީ އިންތިޚާބު ފަސްކުރަންޖެހޭ ކަމެއް ނޫން ވިދާޅުވެ، ސުއޫދު ވިދާޅުވީ އިންތިޚާބެއް ފަސްކުރަންޖެހޭ ހަމައެކަނި ހާލަތަކީ ގުދުރަތީ ކާރިސާތައް ފަދަ ކަންކަން ކަމަށެވެ.
އެމްޑީޕީގެ ވަކީލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އިންތިޚާބު ފަސްކޮށްފި ނަމަ، މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ހަމަވާއިރު ވެސް އާ ކައުންސިލަރުން އިންތިޚާބު ނުކުރެވި، އެތައް މުހިންމު ޚިދުމަތްތަކުން ރައްޔިތުން މަހްރޫމްވާނެ ކަމަށެވެ. ކޮންމެ ޕާޓީއެއްގެ ތެރޭގައި ވެސް މައްސަލަތައް ހުންނާނެ ކަން ފާހަގަކޮށް، އަނަސް ވިދާޅުވީ ޕާޓީގެ އެތެރޭގެ މައްސަލަ ހައްލު ކުރާނީ އެ ޕާޓީއަކުން ކަމަށާއި އެކަން ކުރާނެ ގޮތްތައް ޕާޓީތަކުގައި ހަމަޖެހިފައި ހުންނާނެ ކަމަށެވެ. އެއީ އެއްވެސް ހާލެއްގައި އިންތިޚާބެއް ފަސްކުރަންޖެހޭ ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ މެމްބަރުންގެ ދަފްތަރު ގެއްލިފައިވާ ކަމަށް ބުނާއިރު، ޕާޓީތަކުގެ ދަފްތަރު ބަލަހައްޓަނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް ވާތީ އެ ޕާޓީން އެދިއްޖެ ނަމަ އެންމެ ދުވަހެއްގެ ތެރޭގައި ވެސް އެ ދަފްތަރު ކޮމިޝަނުން ދޭނެ ކަމަށް އަނަސް ވިދާޅުވި އެވެ.
އަދާލަތުގެ ވަކީލް ވިދާޅުވި ގޮތުގައި މުއްދަތެއް ކަނޑައަޅާފައިވާ ކަންކަން ފަސްކުރެވޭނެ ހަމައެކަނި ހާލަތަކީ، އިންސާނީ ބާރު ނުފޯރާ ފަދަ ގުދުރަތީ ކަންކަމާއި ހަނގުރާމަވެރި ހާލަތްތައް އެކަންޏެވެ. ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެއްގައި އެގޮތަށް ކަނޑައަޅާފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
މީގެ ކުރިން މި މައްސަލާގައި ހުރިހާ ފަރާތަކުން ވެސް ބަޔާން ބަދަލުކޮށް ނިމިފައިވާތީ، މިއަދު އޮތީ ޚުލާސާކޮށް ވާހަކަ ދެއްކުމެވެ. ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ އަބްދުﷲ ވިދާޅުވީ މިއީ "ވަރަށް ސާފު" މައްސަލައެއް ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް އެކަށީގެންވާ މިންވަރަށް ވާހަކަ ދައްކާފައިވާތީ، އަންނަ ބުރާސްފަތި ދުވަހު ހުކުމް ކުރައްވާނެ ކަމަށެވެ.
އިންތިހާބު ފަސްކުރުމުގެ މައްސަލަ ކޯޓުގައި އޮތުމުން، އިންތިޚާބަށް ރީ-ރަޖިސްޓްރީ ކުރުން މުއްދަތެއް ނެތި ކުރިއަށް ގެންދަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.