ބެލެނިވެރިންނާއި ދަރިވަރުން އަދި ޓީޗަރުން ވެސް މިއަދު ތިބީ ވަރަށް ހިތްހަމަޖެހިފަ އެވެ. ކޮވިޑު-19 ގެ ސަބަބުން މާލެ ސަރަހައްދުގެ ގިނަ ގްރޭޑުތަކަށް ސްކޫލުތައް ބަންދުކުރިތާ ދޮޅު އަހަރު ފަހުން ހުރިހާ ގްރޭޑަކަށް ވެސް މިއަދު ކިޔަވައިދޭން ވަނީ ފަށައިފަ އެވެ. މިއީ، އެތައް ދުވަހަކަށް ފަހު ގާތް ރަހުމަތްތެރިންނާ، އެކުގައި މަސައްކަތްކުރާ މީހުން އޮފީސް މާހައުލުން ބައްދަލުވި ފުރަތަމަ ފަހަރެވެ.
ސްކޫލު ހުޅުވޭތީ އުފަލުން ހުރި އެއް ދަރިވަރަކީ އަމީނިއްޔާ ސްކޫލުގެ ގްރޭޑު 10 އަށް ބަދަލުވި އިބްރާހިމް ރިފާއު އެވެ. އޭނާ ބުނީ މިދިޔަ އަހަރު ސްކޫލު ނިމުނީ އެންމެ ހިތްހަމަޖެހުނު ގޮތަށް ނޫން ކަމަށެވެ. ފިލާވަޅުތަކާއި ނޯޓުތައް ނުލިބުމުން ކިޔަވަން އުނދަގޫވި ކަމަށާއި ކޮވިޑުގެ ބޮޑު ރާޅުގެ ސަބަބުން ގްރޭޑު 9ގެ ފަހު އިމްތިހާނަށް ވެސް އަސަރުކުރި ކަމަށް އޭނާ ބުންޏެވެ.
"ވަރަށް އުފާވެއްޖެ. ވަރަށް ގިނަ ދުވަސްވެއްޖެތާ ސްކޫލަށް ނުދާތާ. ކިޔެވުމަށް ވެސް އުނދަގޫވޭ އަބަދު ގޭގައި ހުންނަން ޖެހޭތީ. ފޭސްޓު ފޭސް ކްލާސްތަކުގައި ވަރަށް ފަސޭހަވާނެ ކިޔަވަން. ރައްޓެހި ކުދިންނާ ދިމާވީމަ ވެސް އުފާވޭ. އަބަދު ސްކްރީނަށް ބަލައިގެން ކިޔަވަން އުނދަގޫ. މުދައްރިސުންނާ ޑައިރެކްޓްލީ ވާހަކަދެއްކީ ފިލާވަޅުތައް ދަސްކުރަން މާ ފަސޭހަވާނެ،" ސްކޫލުގެ ގޯތިތެރޭގައި ހުރެ، ރިފާއު ބުންޏެވެ.
އެހެން ގްރޭޑުތަކަށް ބަންދުކޮށްފައި އޮތަސް ގްރޭޑު 9 އިން ފެށިގެން މަތީގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށް ކިޔަވައިދިނެވެ. އެކަމަކު، ރިފާއު ބުނަނީ މި ފަހަރު ކުރެވޭ އިހުސާސް ތަފާތު ކަމަށެވެ. އާދަޔާ ހިލާފު ބަދަލެއް ފެންނަ ކަމަށް އޭނާ ބުންޏެވެ.
"އުއްމީދުކުރަނީ ހާލަތު ގޯސްނުވެ، އޮންލައިން ކްލާސްތަކަށް ދިއުމުގެ ބަދަލުގައި އިތުރު ހަރަކާތްތަކާ އެކު ސްކޫލަށް ހާޒިރުވެވޭނެ ކަމަށް. ސްކޫލުގައި ހުރީ ވަރަށް ރަނގަޅު އެރޭންޖުމަންޓުތަކެއް ކަމަށާއި ގައިދުރުކަން އިސްކޮށް ހުން ބަލައި އަތް ދޮވެވޭނެ ގޮތް ހަމަޖައްސާފައިވޭ،" ދަރިވަރަކު ބުންޏެވެ.
ޖަމާލުއްދީން ސްކޫލުގެ ގްރޭޑު 10 ގެ އަންހެން ދަރިވަރަކު ބުނީ ގިނަ ދުވަސްތަކެއް ވަންދެން އޭނާ ހޭދަކުރީ ގޭގައި ކަމަށެވެ. އެތައް ދުވަހަކަށް ފަހު ސްކޫލަށް ހާޒިރުވެގެން ކިޔަވަން ފުރުސަތު ލިބޭތީ ވަރަށް އުފާވާ ކަމަށް އޭނާ ވެސް ބުންޏެވެ.
"މިކްޑްސް ފީލިންސްއެއް ކުރެވެނީ. އެކަމަކު ވަރަށް އުފާވޭ ސްކޫލަށް ހާޒިރުވެގެން ކިޔެވޭތީ. އޮންލައިންކޮށް ކިޔެވިއިރު އެހާ ފަސޭހައެއް ނޫން،"
އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރުގެ ވާހަކަ ފަށައިގަތީ ވެސް މާތްﷲ އަށް ހަމްދުކޮށް، ޝުކުރު ކުރަމުންނެވެ. ސްކޫލުތައް އަލުން ހުޅުވައި ކިޔަވައިދޭން ފެށުމުން އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ.
އޭނާ ވިދާޅުވީ ވަރަށް ކެތްތެރިކަމާ އެކު މަޑުކުރަމުން ދިޔައީ އާއްމު ހާލަތެއްގައި ދަރިވަރުންނަށް ކިޔަވައިދޭން ފެށޭނެ ދުވަހަކަށެވެ.
"އަދިވެސް އެއްފަހަރު މާތްﷲއަށް ހަމްދުކުރަން، އެއީ ހުރިހާ ކުދިން ސްކޫލަށް ހާޒިރުވެގެން ކިޔެވުމުގެ މަގުފަހިވެގެން ދިޔައީމާ. އަޅުގަނޑު އުއްމީދުކުރަނީ، ދުއާކުރަނީ ވެސް މި ގޮތަށް ދަރިވަރުން އައިސްގެން އާއްމު ހާލަތެއްގައި ދަރިވަރުން އުފާވެރިކަމާއެކު ކިޔަވަން އައިސްގެން، އަދި އިތުރު ހަރަކާތްތަކާ އެކު ކިޔެވުން ފެށިގެން ދާނެ ދުވަހަކަށް،" ނާޒް ވިދާޅުވި އެވެ.
ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ފެށިޔަސް ސްކޫލުތަކުގައި އިތުރު ހަރަކާތްތައް ބޭއްވުމުގެ ހުއްދައެއް އަދި ނުލިބެ އެވެ.
ނާޒް ވިދާޅުވީ މިހާރު މިހާރު ދެން އެންމެ އެންމެ ދެކެން ބޭނުންވަނީ ސްކޫލުގެ އިތުރު ހަރަކާތްތައް ފަށާނެ ދުވަހަކަށެވެ.
"އޮންލައިންކޮށް ވެސް ކިޔަވައިދެވިއްޖެ ހުއްޓާނުލާ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމާއި ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުން ތަފާތުވާނެ. މިއަދަކީ ހަމަ އުފާވެރި ދުވަހެއް. ކުދިން ފެނުމުން ހަމަ ވަރަށް ހިތްހަމަޖެހުނު. މަގުތަކުގައި ވެސް މިއަދު އޮތީ ހުދު ކުލައިންނާ އެކި އެކި ކުލައިން ޔުނީފޯމު ފެންނަނީ. އަޅުގަނޑު މި ހުރީ މިއަދު ވަރަށް ހިތްހަމަޖެހިފައި، އުފަލުން ފޮޅިފައި،" ނާޒް ވިދާޅުވި އެވެ.
އިސްކަންދަރު ސްކޫލުގެ ގްރޭޑު ހައެއްގައި ކިޔަވާ ފިރިހެން ދަރިފުޅު ގޮވައިގެން ގޮސް ހުރި އަންހެނަކު ބުނީ، އޮންލައިންކޮށް ކްލާސްތައް ގެންދިއުމަށް ސްކޫލުން ވަރަށް މަސައްކަތްކުރި ކަމަށެވެ. އެހެންވެ، އެ ދުވަސްވަރު ވެސް އެންމެ ބޮޑަށް ހަނދާންވީ ސްކޫލުތެރޭގެ ހަރަކާތްތައް އެކަނި ކަމަށް ބުންޏެވެ.
"ކުދިންގެ ފިލާވަޅުތައް މަދެއް ނުވޭ، ކިޔަވައިދިން ގޮތް ވެސް ރަނގަޅު. އަޅުގަނޑުގެ ދަރިފުޅު އަންޑަސްޓޭންޑިން ވީމަ ނުޖެހުނު މި ހާލަތު އެހާ ބޮޑަށް ކިޔައިދޭކަށް. އެކަމަކު، ކޮވިޑުގެ ހާލަތު ރަނގަޅުވީމަ ކްލާސް ކުދިންގެ ގޭގެއަށް ދިޔައިން،"
"ސްކޫލު ފަށާތީވެ ދަރިފުޅު ހުރީ ވަރަށް އުފަލުން، ހިތްހަމަޖެހިފައި،"