ރާއްޖޭގައި އެންމެ އަގު ބޮޑުކޮށް ވިއްކާ، ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 100ރ. އަށް ވެއްޓިއްޖެ އެވެ.
ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި އާއްމުކޮށް އެ މިރުހުގެ އަގު އުޅެނީ ކިލޯއެއް 500ރ. އިން މަތީގަ އެވެ. ރޯދަ މަހު މި މިރުހުގެ އަގު ކިލޯއެއް 1000ރ. އިން މައްޗަށް ވެސް އަރަ އެވެ.
ކަނޑޫދޫން މިރުސް ގެނެސްގެން ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ މީހަކު "މިހާރު" އަށް ބުނީ މިރުހުގެ އަގު ވެއްޓުނީ މިރުސް ހައްދާވަރު ގިނަވެގެން ނޫން ކަމަށެވެ. އޭނާ ބުނިގޮތުގައި ބޮޑު ޗުއްޓީއާ ދިމާކޮށް މާލެއިން ގިނަ ބަޔަކު އެހެން ރަށްތަކަށް ދިއުމުން އަގު ވެއްޓުނީ އެވެ.
"ގިނަ މީހުން ރަށްތަކަށް ދިޔައިމަ މިތަނަށް މިރުސް ގަންނަން އަންނަ މީހުން ވަރަށް މަދު. އެހެންވެ މަޖުބޫރުވެގެން މިހާ އަގުހެޔޮ ކުރަން ޖެހުނީ،" މާރުކޭޓުގެ ގޮޅިއެއްގައި މޭވާ އާއި ތަރުކާރީ ވިއްކާ މީހަކު ބުންޏެވެ.
މާރުކޭޓުގައި ކަނޑޫދޫ މިރުސް ވިއްކާ ގިނަ މީހުން ބުނިގޮތުގައި އަންނަ ހަފުތާއިން ފެށިގެން އަނެއްކާ ވެސް މިރުހުގެ އަގު އުފުލޭނެ އެވެ.
މާރުކޭޓުގައި މި ދުވަސްވަރު މޭވާ އާއި ތަރުކާރީގެ ބާވަތްތައް ވަރަށް މަދެވެ. އެތަނުގެ ވިޔަފާރިވެރިން ބުނިގޮތުގައި މާރުކޭޓަށް ތަކެތި ގެންނަން ފަށާނީ އަންނަ ހަފުތާއިން ފެށިގެންނެވެ.