ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަ ޕާކިން ޒޯނެއް މާލޭ ސިޓީ ކައުންސިލުން މާލޭގައި ހަދައިފި އެވެ.
މާލޭގެ ހުޅަނގު ފަރާތުން ސުނާމީ ބިނާ މައިޒާނުގެ ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ހަދާފައިވާ މި ޕާކިން ޒޯނުގައި ހަތަރު ފުރޮޅުލީ އުޅަނދަށް 20 ޖާގަ ހަދާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ވިލިމާލޭގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ މީހުންގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ގެންގުޅޭ މީހުންނަށް 15 ޖާގަ ހާއްސަ ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. ބާކީ ފަސް ޖާގަ ދޫކުރަނީ ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ހަތަރު ފުރޮޅުލީ އުނދަގު ދުއްވާ މީހުންނަށެވެ.
އާންމު އުސޫލެއްގެ ގޮތުން ވެހިކަލްތައް އެރުވުމާއި ދުއްވުން ވެސް މަނާކޮށްފައިވާ ވިލިމާލޭގެ ރައްޔިތުންނަށް ހާއްސަ ޕާކިން ޒޯނުން ޖާގަ ދޫކުރަނީ 350 ކިލޯ އިން ދަށުގެ ޕިކަޕާއި ކާރު އަދި ވޭނުތަކަށެވެ. މި ޕާކިން ޒޯނުން ޖާގަ ދޫކުރަން ވަރަށް އަވަހަށް ފަށަން ނިންމާފައިވާއިރު، ޖާގަ ހޯދުމަށް އެދި ހުށަހަޅަން ޖެހެނީ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަށެވެ. އެ މީހެއްގެ އައިޑީ ކާޑުގެ ކޮޕީ އާއި އުޅަނދުގެ ރަޖިސްޓަރީ ކޮޕީއަކާއި ރޯޑްވާދިނަސް ހެއްދި ކަމުގެ ލިޔުމާއި އަހަރީ ފީގެ ލިޔުމުގެ ކޮޕީއެއް ވެސް ހުށަހަޅަން ޖެހެ އެވެ.
މާލޭގެ ޕާކިން ޒޯނުތަކުން ޖާގަ ދޫކުރަނީ ޓެކްސީ ބޯޑު ޖެހި ކާރަށާއި ޕިކަޕަށް ނަމަ މަހަކު 750ރ. ގެ ފީއެއް ނަގާ ގޮތަށެވެ. އެހެނިހެން އުޅަނދުތަކަށް ނަގާނީ މަހަކު 1،500ރ. އެވެ. އެކަމަކު، މިއީ ކޮވިޑްގެ ހާލަތުގެ ދުވަސްވަރު ކަމުން ކައުންސިލުން ވަކި ގޮތެއް ނިންމަންދެން [ޓެކްސީ ބޯޑު ޖެހި ކާރަށާއި ޕިކަޕް ފިޔަވައި އެހެނިހެން އުޅަނދުތަކަށް] ނަގާނީ 1،000ރ. ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
އާ ސިޓީ ކައުންސިލުން ވެސް އަންނަނީ މާލޭގައި ޕާކިން ޒޯނުތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.