ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އައިއީޑީ ގޮއްވާލި އަދުހަމު ރަޝީދު މައްޗަށް ކުރާ ތުހުމަތަށް ބަންދުގެ މަޖިލީހުގައި އިއުތިރާފުވެ އެކަން ކުރި ސަބަބު ކިޔައިދީފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އަދުހަމް އިއުތިރާފުވީ މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އޭނާގެ ބަންދު އަޑުއެހުމުގަ އެވެ. އެ ދުވަހު އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އެ ކޯޓުން ނިންމި އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ތުހުމަތު ކުރެވުނު މީހުންގެ ތެރޭގައި އަދުހަމް ހިމެނުނެވެ. އެއީ ބޮން ގޮއްވާލުމުގެ ކުރިންނާއި ގޮއްވާލުމަށް ފަހު އުޅުނު ގޮތް ސީސީޓީވީ ކެމެރާއަށް އަރައި އޭނާގެ ހަރަކާތްތަކާ މެދު ޝައްކު އުފެދުމުންނެވެ.
ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރު ކުރި މީހުންގެ ތެރޭގައި ވެސް އަދުހަމް ހިމެނެ އެވެ. ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބުނެފައިވާ ގޮތުގައި، ރައީސް ނަޝީދަށް ފާރަލައި، ކާރަށް އަރުއްވަން ވަޑައިގެންނެވި ވަގުތާ ދިމާކޮށް ބޮން ގޮއްވާލަން ރިމޯޓުގެ ބަޓަނަށް ފިތީ އަދުހަމް އެވެ.
ފުލުހުން ވަނީ އަދުހަމް އަތަމާ ޕެލެެސް ކައިރީގައި ހުރި އިރު އޭނާގެ އަތުގައި ރިމޯޓެއް ފާޑުގެ އެއްޗެއް އޮތްކަން ދައްކައިދޭ ސީސީޓީވީ ފޫޓޭޖު ވެސް ކުރިން ދައްކައިފަ އެވެ.
ހަމަލާއާ ގުޅޭ ހަތް މީހަކު މިހާރު ބަންދުގައި އެބަ ތިއްބެވެ. ފުލުހުން ވަނަވަރު ހާމަކޮށްފައި ވަނީ، އަދުހަމް، މުޖާޒް އަހުމަދާއި، ތަހުމީން އަހުމަދު އަދި އަލީ ހައިޝަމްގެ އިތުރުން އަހްމަދު ފާތިހުގެ އެވެ. ހަތް މީހުންގެ ތެރެއިން ބައެއް މީހުން ހައްޔަރު ކުރީ ހަމަލަ އަށް ފަހު ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގެ ތެރެއިންނެވެ.
މި މީހުންގެ ތެރެއިން އަދުހަމް، މުޖާޒު، ތަހުމީން އަދި ފާތިހުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ މިދިޔަ ބުދަ ދުވަހު ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.