ދުޅަހެޔޮ އަދި އޮމާން ހަންގަނޑެއް ގެންގުޅެން ހުރިހާ އެންމެން ވެސް ބޭނުންވާނެ އެވެ. އަދި ގިނަ މީހުންނަކީ އެފަދަ ރީތި ހަންގަނޑެއް ހޯދުމަށް ގިނަ މަސައްކަތް ކުރާ ވެސް މީހުންނެވެ. ނަމަވެސް އެ ކަންތައްތައް ކުރުމުން ވެސް ބައެއް ފަހަރު ހަންގަނޑު ރީތި ނުވާ ސަބަބުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އާންމުކޮށް އާދަވެފައިވާ ކަންތައްތަކެވެ.
މާ ގިނައިރު ހޫނު ފެނުން ފެންވެރުން
ހޫނު ފެނުން ފެންވެރުމަކީ ހަށިގަނޑަށް ފައިދާހުރި ކަމެކެވެ. އިންސާނާގެ މަސަލްތައް ރިލެކްސް ކޮށްލުމަށް ހޫނު ފެން އެހީތެރިވެ އެވެ. ނަމަވެސް ހޫނު ފެނުން ފެންވަރާއިރު މާ ގިނަ އިރު ފެނުގައި ޖެހިގެން ހުރުމަކީ ހަންގަނޑަށް އެހާ ރައްކާތެރި ކަމެއް ނޫނެވެ. ހޫނު ފެނުން ފެންވަރާއިރު 39 ޑިގްރީ އަށްވުރެ ހޫނުވާ ނަމަ އެކަމުގެ ސަބަބުން ހަމުގައި ރަތްކަން އުފެދި ޑްރައިވުމަށް މެދުވެރި ވެ އެވެ. އެއީ އޭގެ ސަބަބުން ހަމުގައި ހުންނަ ނެޗުރަލް އޮއިލްތައް ނެތިގެން ދާތީ އެވެ.
ޓިޕް: މިކަމުން ރައްކާތެރިވާން ބޭނުންވާނަމަ ހޫނު ފެނުން ފެންވެރުމުގެ ބަދަލުގައި ތާފަނާ ފެނަށްވުރެ ތަންކޮޅެއް ހޫނުކޮށް ހުންނަ ފެނުން ފެންވަރާށެވެ. ހޫނުމިން އެ ވަރުގައި ހުރެއްޖެ ނަމަ ހަމަށް ގެއްލުން ކުރާ މިންވަރު ކުޑަވާނެ އެވެ.
ސިނގިރެޓް ބުއިން
ސިނގިރޭޓުގެ ސަބަބުން ހަށިގަނޑަށް އެކި ކަހަލަ ގެއްލުންތައް ވެ އެވެ. އޭގެ އެންމެ ބޮޑު އަސަރެއް ފުއްޕާމެއަށް ކުރާއިރު އޭގެ ގެއްލުން ހަންގަނޑަށް ވެސް ވަރަށް ބޮޑަށް ކުރެ އެވެ. ސިނގިރޭޓުގައި ހުންނަ ނިކޮޓިންގެ ސަބަބުން، ހަންގަނޑަށް ބޭނުންވާ ލޭ ދައުރުވާ މިންވަރު ކުޑަވެގެން ދެ އެވެ. އޭގެ ސަބަބުން ހަމަށް ބޭނުންވާ އޮކްސިޖެން ލިބުމަށް ދަތިވެ އެވެ. ސިނގިރޭޓު ބުއިމުގެ ސަބަބުން ހަންގަނޑަށް ސްޓްރަކްޗާ ދޭ އިލާސްޓިން ޕްރޮޓީން އާއި ކޮލަޖެން އަށް ވެސް ގެއްލުން ކުރެ އެވެ. ނަތީޖާއެއްގެ ގޮތުން ހަންގަނޑު ތުނިވެ އެ ހަންގަނޑު ބަލިކަށިވާން މެދުވެރިވެ އެވެ.
ޓިޕް: ސިނގިރޭޓު ބުއިން ހުއްޓާލުން ވަރަށް މުހިއްމެވެ. އެކަން ކުރަން ބޭނުންވާނަމަ ގްރީން ޓީ އާއި ފޮނިތޮށްޓަކީ ކްރޭވިން ކުޑަކޮށްދޭ އެއްޗެއްސެވެ.
މާ ގިނައިން ހަކުރު ހުންނަ އެއްޗެހި ކެއުން
ހަކުރު ހިމެނޭ އެއްޗެހި މާ ގިނައިން ކައި އުޅޭ ނަމަ އޭގެ ސަބަބުން އިންސިއުލިން ލެވެލް މަތިވެ އެވެ. އިންސިއުލިން މަތިވީމަ މުޅި ހަށިގަނޑުގައި އިންފްލެމޭޝަން މަތިވެ އެވެ. އިންފްލެމޭޝަންގެ ސަބަބުން ހަމުގެ ސްޓްރަކްޗާ ކޮލަޖެން އާއި އިލާސްޓިން އަށް ގެއްލުން ވެއެވެ. ނަތީޖާއެއްގެ ގޮތުން ހަމުގައި ރޫ އުފެދި ހަންގަނޑު ދޫވާން މެދުވެރިވެ އެވެ.
ޓިޕް: ވީހާވެސް ގިނައިން ފެހި ތަރުކާރީ އާއި ފަތްޕިލާވެލީގެ ބާވަތްތައް ކައި އުޅުމަކީ މިކަމަށް އޮތް ހައްލެކެވެ.