ސްކޫލް ނެތް ރަށްރަށުގައި "ސެޓްލައިޓް ސްކޫލް" ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން ބ. ފެހެންދޫގެ އެ ސްކޫލުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރީ ކޭޑީ އެންޓަޕްރައިސަސްއާ އެވެ.
އެއް މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރާ މި މަސައްކަތް އެއް މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު، ފެހެންދޫ ސްކޫލްގައި ދެ ކްލާސް ރޫމާއި އޮފީސް އިމާރާތެއް އަޕްގްރޭޑް ކުރަންޖެހެ އެވެ.
ފެހެންދޫ ސްކޫލުގައި 26 ކުދިން ތިބޭއިރު، އެ ކުދިން ކިޔަވަން ދާން ޖެހެނީ އެ ރަށާ އެއް ފަޅެއްގައި އޮންނަ ގޮއިދުއަށެވެ. ރަށުގައި އާބާދީ ކުޑަވުމުން ފެހެންދޫގައި ސްކޫލުގައި ކިޔަވައެއް ނުދެ އެވެ.
މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު، ސްކޫލް ނެތް އިތުރު ދެ ރަށެއް ކަމަށްވާ ވ. ރަކީދު އާއި އެ އަތޮޅު ތިނަދޫގައި ވެސް "ސެޓްލައިޓް ސްކޫލް" ގާއިމްކުރަން ބަޔަކާ ވަނީ ހަވާލުކޮށްފަ އެވެ.
"ސެޓްލައިޓް ސްކޫލް" ގާއިމުކުރަނީ ސްކޫލް ނެތް ރަށްރަށާއި ދަރިވަރުން ހަމަނުވުމުގެ ސަބަބުން ސްކޫލް ނުހިންގޭ ރަށްރަށުގަ އެވެ. ސެޓްލައިޓް ސްކޫލިން މެދުވެރިން ކިޔަވައި ދިނުމަށްޓަކައި ކޮންމެ ރަށެއްގައި ދަރިވަރުން ހާޒިރު ވެގެން ކިޔަވާނެ އިމާރާތަކާއި ކޮންމެ ގްރޭޑަކަށް ކިޔަވައިދޭނެ މުދައްރިސުން ވެސް ތިބޭނެ އެވެ.
މިގޮތަށް ކިޔަވައިދޭއިރު ކޮންމެ ދަރިވަރަކަށް ވެސް ބޭނުންވާނެ އިންޓަނެޓާއި ކޮމްޕިއުޓަރުގެ ވަސީލަތްތައް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައި ދޭނެ އެވެ. ކިޔެވުމުގެ އިތުރުން އެހެނިހެން ތަޖުރިބާތައް ދަރިވަރުންނަށް ދޭނީ އެހެން ސްކޫލްތަކާ ވެސް ގުޅިގެންނެވެ.
"ސެޓްލައިޓް ސްކޫލް"ތައް ގާއިމްކުރުމަށް ނިންމާފައިވާއިރު، މީގެ ކުރިން ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އާބާދީ މަދު ރަށްތަކުގެ ސްކޫލްތަކަށް ހާއްސަކޮށްގެން ވާޗުއަލްކޮށް ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފަ އެވެ.