ހުޅުމާލޭގައި ފްލެޓް އިމާރާތް ކޮށްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ސީ ލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލައިގެ ހުކުމް އަންނަ ހަފުތާގައި އިއްވަން ހަމަޖައްސައިފި އެވެ.
އޭނާގެ މަައްޗަށް ޚިޔާނާތުގެ 42 ދައުވާއެއް ދައުލަތުން ކުރެ އެވެ. އެ ދައުވާތައް ކުރަނީ ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ކުންފުންޏާ ހަވާލު ކުރުމުން އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، އެ ފައިސާ ނުދިން މައްސަލައިގަ އެވެ. ސްރީ ލަންކާގައި އުޅެނިކޮށް އަންމަޓީ ރާއްޖެ ގެނެސް، ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން މިދިޔަ މަހު އޭނާ ދޫކޮށްލީ ޝަރުތުތަކާ އެއްކޮށެވެ.
އައްމަޓީ ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް މި ހަފުތާގައި ކޯޓުން ވަނީ ނިންމާލައިފަ އެވެ. ހުކުމް އިއްވަން ހަމަޖައްސާފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ.
އައްމަޓީގެ މައްޗަށް ކުރާ ޚިޔާނާތުގެ 42 ދައުވާ ސާބިތުވެއްޖެ ނަމަ، 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާތަކެއް އުފުލާފައިވާ ފުރަތަމަ މައްސަލަ އެވެ.