މި އަހަރުގެ ޒުވާނުންގެ ގައުމީ އިނާމުގެ ތެރެއިން ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްގެ ހާއްސަ އިނާމު ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށް އަދި ޒުވާނުންގެ އިނާމު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބް ރައީސް މުއައްވިޒް ރަޝީދަށް މިރޭ ލިބިވަޑައިގެންފި އެވެ.
މި އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ޒުވާނުންގެ އިނާމް އަށް ދާއިރާއަކުން އަށް ޒުވާނަކަށް މިރޭ ވަނީ ދީފަ އެވެ. މީގެ ތެރޭގައި އޭސީސީގެ ނައިބު ރައީސް މުއައްވިޒް ހިމެނިވަޑައިގެންނެވިއިރު، އޭނާ އަށް އިނާމު ލިބިވަޑައިގަތީ މުޖުތަމައުގައި ކުށް މަދުކުރުމުގެ ދާއިރާ އިންނެވެ.
ޒުވާނުންގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުން:
* ކުށް މަދު ކުރުމުގެ ދާއިރާ އިން: މުއައްވިޒް ރަޝީދު
* ތިމާވެށީގެ ދާއިރާއިން: ތޯހާ ހުސައިން
* ދަރުމަވެރިކަމުގެ ދާއިރާ އިން: އައިޝަތު ރަފިއްޔާ
* ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ އިން: މުހައްމަދު ޝާރިފް
* އާޓްސް އެންޑް ކަލްޗަރުގެ ދާއިރާއިން: ހަނާން މުހައްމަދު ނައީމް
* ކުޅިވަރުގެ ދާއިރާ އިން: އިސްމާއީލް ފަރްހާން
* ޑްރަގާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދާއިރާ އިން: އަހުމަދު ވަނޫދް
* ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާ އިން: މުހައްމަދު ޔާމީން
ޖަވާދު އުމަރުގެ ހަނދާނީ ފިލާ މި ފަހަރު ލިބުނީ މުހައްމަދު އާސިމަށް
މިރޭގެ ޖަލްސާގައި އިނާމް ހޯއްދެވި ބޭފުޅުންނާ އިނާމް ހަވާލުކޮށް ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.
މި ހަފުލާގައި ޔޫތު މިނިސްޓަރު އިރުތިޝާމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަކީ ޒުވާނުންގެ ތަރައްގީ އާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އަދި ކުރިއަށް އޮތް ތަނުގައި ވެސް ކުރާނެ ސަރުކާރެއް ކަމަށެވެ. އެހެންވެ ޒުވާނުންގެ އެޖެންޑާ ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް، ޒުވާނުންގެ ބައިވެރިވުމާއި ހިއްސާ ވަރަށް ބޮޑަށް ބޭނުން ވާނެ ކަމަށް ވިދާޅުވި އެވެ.
އިރުތިޝާމް ވިދާޅުވީ ޒުވާނުންގެ މެނިފެސްޓޯގެ 75 ޕަސަންޓް އަންނަ އަހަރުގެ މެދުތެރެ އާ ހަމައަށް ދާއިރު ހާސިލްކުރެވޭނެ ކަމަށެވެ.