ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކޮށް، މިއަދު ސުވާލުކޮށްފި އެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ހިންގާ މި ޕާލިމެންޓަރީ އިންކުއަރީ އަކީ ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗުވި ގޮތް ބެލުމަށް ކުރިއަށް ގެންދާ ތަހުގީގެކެވެ.
މި އިންކުއަރީގެ ކޮމިޓީ ހުރިހާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަނީ ސިއްރުންނެވެ.
މަޖިލީހުގެ އިންކުއަރީ އަށް ސިފައިންނާއި ފުލުހުންގެ އިސްވެރިންގެ އިތުރުން، އެ ހަމަލާދިން ވަގުތު ނަޝީދުގެ އަރިހުގައި ތިބި ސެކިއުރިޓީ އޮފިސަރުން މީގެ ކުރިން ހާޒިރުކޮށްފައިވެ އެވެ. އަދި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވެސް މީގެ ދެ ދުވަސް ކުރިން ހާޒިރުކުރި އެވެ.
މިިދިޔަ މަހުގެ ހައެއްގައި ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ފުލުހުން އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި އެ ހަމަލާ އަށް ބަޔަކު ފަންޑުކުރި ނަމަ އެ ބަޔަކު ހޯދުން ވެސް ހިމެނެ އެވެ. ފުލުހުން ކުރި ތަހުގީގުން، މި ހަމަލާ ދިނުމަށް ރާވާއި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ.
"މި މައްސަލައިގެ ތަހުގީގުގައި އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސް އާއި އެމެރިކާގެ މިކަމުގެ ފަންނީ މާހިރެއް އެހީ ވެސް އަންނަނީ ލިބެމުން. އަދި މި ތަހުގީގަށް ބޭނުންވާ ފޮރެންސިކް ތަހުލީލުތައް ކުރުމުގައި ވެސް އެ ފަރާތްތަކުގެ އެހީ އަންނަނީ ލިބެމުން،" މި ހަމަލާ އަށް މަސް ދުވަސް ވީ ފަހުން ބޭއްވި ނިއުސް ކޮންފަރެންސްގައި ފުލުހުން ބުނެފައިވެ އެވެ.