ކޮވިޑު-19 އާ ދެކޮޅަށް ގައުމުތަކުން ކުރާ މަސައްކަތަށް އެހީވުމަށް އެމެރިކާ އިން ވެކްސިން ފޮނުވާ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމެރިކާ އިން ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދަށް ކޮވެކްސް ފެސިލިޓީގެ ދަށުން ހަތް މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެ ކަމަށް އިއުލާނުކޮށްފައި ވެ އެވެ. އެ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ޕާކިސްތާނު އަދި މެލޭޝިޔާ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން މިއަދު ވަނީ ކޮވިޑުން ދިފާއުވުމަށް 80 މިލިއަން ޑޯޒްގެ ވެކްސިން ބަހާނެެ ގޮތުގެ ފްރޭމްވޯކް އަދި އެންމެ ފުރަތަމަ ފޮނުވާ 25 މިލިއަން ޑޯޒާ ގުޅޭ މައުލޫމާތުތައް ހާމަކުރައްވައިފަ އެވެ. އޭގައިވާ ގޮތުން 80 މިލިއަން ވެކްސިންގެ 75 ޕަސެންޓް ފޮނުވާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކުރިއަށް ގެންދާ ކޮވެކްސް ފެސިލިޓީގެ ދަށުންނެވެ.
އެ ވެކްސިންގެ ބާކީ 25 ޕަސެންޓް ދޭނީ އެކަމަށް މި ވަގުތަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ގައުމުތަކަށެވެ. ވައިޓް ހައުސް އިން ބުނީ ވެކްސިން ހޯދުމަށް ދުނިޔޭގެ އެކި ހިސާބުތަކުން އެދިފައިވާ ކަމަށެވެ.
އެންމެ ފުރަތަމަ ފޮނުވާ ވެކްސިން ބެޗުގެ ތެރެއިން 19 މިލިއަން ވެކްސިން ކޮވެކްސް ފެސިލިޓީގެ ދަށުން ފޯރުކޮށްދޭނެ ކަމަށް އެމެރިކާ އިން ބުންޏެވެ.
އެމެރިކާގެ ނިންމުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކަން ފާހަގަ ކުރައްވައި، އެ ގައުމުގެ ރައީސް ބައިޑެން އަށް މިރޭ ޝުކުރު އަދާކުރައްވައިފަ އެވެ.
ރާއްޖެ އަށް ވެކްސިން ފޯރުކޮށްދޭނެކަން އެމެރިކާ އިން އިއުލާންކޮށް ފައިވާއިރު، އެ ގައުމުން ހަދިޔާކުރި ޕީޕީއީއާއި ސިއްހީ އާލަތްތައް ހަވާލުކުރަން މާދަމާ ރަސްމިއްޔާތެއް ބާއްވާނެ އެވެ.