އިންޓަނެޓުގެ ހިދުމަތުގެ އާ އަގުތަކުން ރައްޔިތުންނަށް ހަގީގީ މަންފާ ނުކުރާނެ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ ޖުލައި މަހުން ފެށިގެން އިންޓަނެޓްގެ ހިދުމަތުގެ އަގު ހެޔޮ ކުރާނެ ގޮތުގެ ތަފުސީލު ސަރުކާރުން މިއަދު ވަނީ ހާމަކޮށްފަ އެވެ. އެންމެ ބޮޑު އެއް ބަދަލަކީ ޕެކޭޖުތަކުގެ ޑާޓާ ހުސްވިޔަސް ތުރޮޓުލް ސްޕީޑް 2 އެމްބީޕީއެސް އަށް ވުރެ ދަށް ނުކުރެވޭނެ ގޮތަށް ކަނޑައެޅުމެވެ.
"މިހާރު 1 އެމްބީޕީއެސް އާއި 2 އެމްބީޕީއެސްގެ އިންޓަނެޓް ޕެކެޖްތަކުގެ ތްރޮޓްލް ސްޕީޑް ވެސް ދެ ގުނަ އަދި ފަސް ގުނަ މަތިވެގެންދާނެ،" އިންޓަނެޓްގެ އަގަށް ގެންނަ ބަދަލުތައް އިއުލާނު ކުރަން މިއަދު ހެނދުނު ބޭއްވި އިވެންޓްގައި އެންވަޔަރްމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވި އެވެ.
އިންޓަނެޓުގެ ހިދުމަތުގެ އާ އަގުތައް އިއުލާން ކުރުމާ ގުޅިގެން، އެކަމުގައި ކުރިން އިސްކޮށް އުޅުއްވި މަލީހު ވިދާޅުވީ މިހާރު އެކަން ކޮށްފައި ވަނީ "އަމާ ބުނީތީ ފަރަށްދާ" އުސޫލުން ކަމަށެވެ.
މަލީހު ވިދާޅުވީ، އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް އެ މައުލޫމާތުތައް ރައީސް އޮފީހަށް ފޮނުވީ އޭނާގެ ވަޒީރުކަމުގައި ޖޫން، 2019 ގައި ކަމަށެވެ.
އޭނާ ވިދާޅުވީ، އޭރު ވިސްނާފައި އޮތީ އުރީދު އާއި ދިރާގުން ފޯރުކޮށްދޭ ހުރިހާ އިންޓަނެޓް ޕެކޭޖުތަކެއްގެ އަގަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކަމަށެވެ.
"ދެ އަހަރު ފަހުން މި އިއުލާނުކުރި އަގުތަކުން އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ހަގީގީ މަންފާއެއް ރައްޔިތުންނަށް ނުލިބޭނެ. އަދި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ވައުދު ވެސް ނުފުއްދޭ،" މަލީހު ވިދާޅުވި އެވެ.
ޖުލައި މަހުން ފެށިގެން އިންޓަނެޓްގެ އަގު 28-30 ޕަސެންޓަށް ހެޔޮވާނެ އެވެ. އެކި ފޭސްތަކަށް ބަހާލައިގެން އަގުތައް ދަށްކޮށް ހިދުމަތަށް ބަދަލު ގެންނެސް ނިމޭއިރު 60-70 ޕަސެންޓް އަގު ހެޔޮވާނެ އެވެ. އެންމެ ފުރަތަމަ ބަދަލު ގެންނަނީ ރެޒިޑެންޝަލް އިންޓަނެޓް ގެ ޚިދުމަތް ދޭ އަގަށެވެ. އެ އަށް ފަހު މޯބައިލް ބްރޯޑްބޭންޑް ހިދުމަތުގެ އަގު ކުރަނެ އެވެ.
މަލީހު ވިދާޅުވީ، ކުންފުނިތަކުން އޮފާކުރަނީ އެންމެ ތިން ޕެކޭޖެއް ނޫން ކަމަށާއި އޭނާގެ މިނިސްޓަރުކަމުގައި ހުރިހާ ޕެކޭޖަކުން ވެސް އަގު ހެޔޮ ކުރަން ހުށަހެޅި ކަމަށެވެ. އެކަމަކު ސަރުކާރުން އިއުލާންކުރި ގޮތުން ނަމަ މިހާރު ފެންނަނީ އެންމެ ތިން ޕެކޭޖެއްގެ އަގު ހެޔޮ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިގޮތަށް އިންޓަނެޓްގެ އަގު ހެޔޮކުރި އިރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޭ އިންޓަނެޓްގެ އަގުތަކަށް ބަދަލު ގެނެސްފައި ނެތް ކަމަށް މަލީހް ވިދާޅުވި އެވެ.