މަތީ ތައުލީމް ހާސިލްކުރަން ދޫކުރާ ލޯނު ލިބޭ ދަރިވަރުންގެ ލިސްޓު ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.
އެ މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި ލޯނު ސްކީމުން ކަނޑައެޅީ 770 ޖާގަ އެވެ. އެ ފުރުސަތަށް 1،176 ދަރިވަރުން ކުރިމަތިލި ނަމަވެސް ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔަވަން މި ބުރު 417 ދަރިވަރަކަށް ލޯނު ދީފައި ވެ އެވެ.
މި ލިސްޓާ ގުޅޭ ޝަކުވާއެއް އޮތް ނަމަ އަންނަ ހަފުތާގެ ކުރިން ހުށަހަޅަން މިނިސްޓްރީން އެދިފައި ވެ އެވެ.
އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މި އަހަރު ހުޅުވާލި ލޯނު ސްކީމަށް ދައުލަތުގެ ބަޖެޓުން 137،608،931ރ. ކަނޑައަޅާފައިވާ ކަމަށެވެ.
މަތީ ތައުލީމުގެ ލޯނު ސްކީމް ހުޅުވާލީ މުޅިން އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށެވެ. މިނިސްޓަރު ވަނީ، ލޯނަށް ހުށަހެޅި ދަރިވަރުންގެ ތެރެއިން އެމްއެމްބީއެސް އަދި ޕައިލެޓް ތަމްރީނު ހަދާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ނިންމާފައިވާކަމަށް އިއުލާނުކުރައްވައިފަ އެވެ.
އެހެންވެ މި ބުރުގައި އެމްއެމްބީއެސް ކިޔަވާ 65 ދަރިވަރަކަށް އަދި ޕައިލެޓް ލައިސަންސްއަށް ކިޔަވާ 16 ދަރިވަރަކަށް ލޯނު ދީފައި ވެ އެވެ.
"މި ކެޓަގަރީން ޕޮއިންޓް ދިނުމުގައި ބަލާފައިވާނީ ކިޔަވަމުންދާ ކޯސް ނިންމުމަށް އެންމެ ކުރު މުއްދަތެއް އޮތް ފަރާތްތައް، ފިތުރު ޒަކާތާއި މުދަލު ޒަކާތުން ލިބުން އެދޭ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް އަދި އެކަޑެމިކް މެރިޓް ސްކޯއިން އެންމެ މަތިން ސްކޯ ކުރާ ފަރާތްތަކަށް،" މިނިސްޓްރީން ބުންޏެވެ.
ފުލް ފަންޑިންގައި ކިޔަވަން ދާ ގައުމުތަކުގެ ލިސްޓު ވެސް މި ފަހަރު އިތުރުކޮށްފައި ވެ އެވެ. އޭގައި ސާކުގެ ގައުމުތަކާއި ޗައިނާ، ފިލިޕީންސް، ތައިލެންޑް، މެލޭޝިޔާ، ޔޫކްރެއިން، ރަޝިޔާ، ކްރިގިސްތާން، ޗެކްރިރިޕަބްލިކް، އަޒުރްބައިޖާން، އިޓަލީ، ޔޫއޭއީ، މޯލްޓާ، ސައުދި އަރަބިއްޔާ، އިންޑޮނޭޝިޔާ، ގަތަރު، ސައުތު އެފްރިކާ، މިސްރު، ފީޖީ އަދި މޮރިޝަސް ހިމެނެ އެވެ.