އައްޑޫން އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވް 26 މީހުންނާ އެކު، އެކްޓިވް ކޭސްތަކުގެ އަދަދު 100 އަށް ވުރެ މައްޗަށް އަރައިފި އެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއީސީ) އިން އެންމެ ފަހުން އާންމުކުރި ކޮވިޑާ ގުޅޭ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ވަގުތު އައްޑޫގައި ކޮވިޑް ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދަކީ 118 އެވެ. އަދި ބަލި ޖެހޭ މީހުންގެ އަދަދު މިދިޔަ އެޕްރީލް މަހުން ފެށިގެން އިތުރުވަމުންދާ އިރު މިހާތަނަށް 133 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. މީގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 15 މީހެކެވެ.
ފަރުވާ ހޯދާ މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
މި ވަގުތު އައްޑޫގައި ކޮވިޑްގެ ކޭސްތައް އެންމެ ގިނައީ 56 ކޭހާ އެކު ހުޅުދޫގަ އެވެ. އެ އަވަށާ އެއްފަސްކޮށް އޮންނަ މީދޫގެ ކޭސްތަކުގެ އަދަދަކީ 11 އެވެ.
އައްޑޫގެ މީހުން އުޅޭ ގުޅިފައިވާ އަވަށްތަކުގެ ތެރެއިން ކޭސްތައް އެންމެ ގިނައީ ހިތަދޫގަ އެވެ. އެއީ 51 އެވެ. ދެން ފޭދޫގައި 12، މަރަދޫފޭދޫގައި އެކެއް އަދި ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ވިލިގިލި ރިސޯޓުން ދެ ކޭހެވެ.
މިހާތަނަށް އައްޑޫން 2،166 ސާމްޕަލް ނަގާފައިވާ އިރު، ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 300 އާ ގާތްކުރެ އެވެ.
އައްޑޫގެ ކޮވިޑްގެ އިތުރުވަމުން ދިއުމާ ގުޅިގެން މި މަހުގެ 1 އިން ފެށިގެން މޮނިޓަރިން އަށް ލާފައިވާ އިރު، ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ވެސް ވަނީ އަޅައިފަ އެވެ.