ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ދެމުން އަންނަ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އަންގަވައިފި އެވެ. މީގެ ތެރޭގައި އެ ބޭފުޅުންނަށް ހާއްސަ ކޮށްފައިވާ ރަސްމީ ގެކޮޅެއް ހަމަޖެއްސުން ވެސް ހިމެނެ އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ ހަފުތާގައި ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނާއި އިތުރު ބަޔަކަށް އަނިޔާވެ، ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ހޯއްދަވަމުންނެވެ. އެ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށް، ތަހުގީގު ގެންދަނީ ހިންގަމުންނެވެ.
ރައީސް އޮފީހުން ބުނީ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ދެމުން އަންނަ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ގެންނަން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތަށް ރައީސް އަންގަވާފައިވާ ކަމަށެވެ. އަދި މިހާރު އޮތް ގާނޫނީ އޮނިގަނޑު ތެރެއިން އެކަން ހައްލު ކުރެވެން ނެތް ނަމަ، އާ ގާނޫނެއްގެ ބިލް އެކުލަވާލައިގެން ވިޔަސް އެކަން ކުރެއްވުމަށް ރައީސް އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދައުލަތުގެ ތިން ބާރުގެ ވެރިން ކަމަށްވާ ރައީސާއި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ސެކިއުރިޓީ ފޯރުކޮށް ދެނީ އެމްއެންޑީއެފުންނެވެ. އެގޮތުން ކާރުކޮޅާއި ބޮޑީގާޑުން އަބަދުވެސް އެ ބޭފުޅުންގެ އަރިހުގައި ތިއްބަވަ އެވެ.
ރައީސް ދިރިއުޅުއްވާނެ ރަސްމީ ގެކޮޅެއް ދައުލަތުން ހަމަޖައްސައި ދެއްވާފައި އޮތަސް، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅެއް ދައުލަތުން ފޯރުކޮށެއް ނުދެ އެވެ. މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަނީ އެ ބޭފުޅުންގެ އަމިއްލަފުޅު ގެކޮޅުގަ އެވެ.