މިއަދުގެ ވަގުތެއްގައި ދުނިޔެ އަށް ވެއްޓޭނެ ކަމަށް ކުރިން ރިޕޯޓް ކޮށްފައިވާ، ޗައިނާ އިން ޖައްވަށް ފޮނުވައިލި ރޮކެޓުގެ ބައެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓިއްޖެ ކަމަށް ޗައިނާގެ ސްޓޭޓް މީޑިއާ އިން ރިޕޯޓްކޮށްފި އެވެ.
މި ރޮކެޓް ވެއްޓިފައި ވަނީ ރާއްޖޭގެ ގަޑިން މިއަދު ހެނދުނު 7:24 ގައި ޗައިނާ އިން ބުނެ އެވެ.
"ލޯންގް މާޗް-5ބީ" ވެހިކަލްގެ ބޮޑު ބައެއް ދުނިޔެ އަށް ވެއްޓޭނެ ކަމަށާއި އޭގެ ބަރުދަނުގައި 18 ޓަނު ހުންނާނެ ކަމަށް ބެލެވޭ ކަމަށް ޗައިނާގެ މީޑިއާތަކުން އިއްޔެ ރިޕޯޓްކުރި އެވެ. އެއީ މިއިން ޒަމާނަކު ދުނިޔެއަށް ނުވެއްޓޭވަރުގެ ބޮޑު ބައެކެވެ.
މި ރޮކެޓްގެ ބޮޑު ބައެއް ދުނިޔޭގެ ސަތަހައިގެ ތެރޭގައި އޮތް އިރު އަނދާފައިވާ ކަމަށް ޗައިނާގެ ޖައްވީ އިދާރާ އިން ބުނެ އެވެ.
މިކަމާއި ގުޅިގެން ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަދި އެއްޗެކޭ ނުބުނެ އެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ވަނީ ރޮކެޓުގެ ބައެއް ދުނިޔެ އަށް ވެއްޓިފަ އެެވެ. އެ ފަހަރު ރޮކެޓުގެ ބައި ވެއްޓިފައި ވަނީ އެފްރިކާގެ އައިވަރީ ކޯސްޓަށެވެ. ޖައްވުން ވެއްޓޭ އެއްޗެއް މީހެއްގެ ގައިގައި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. ސަބަބަކީ ދުނިޔޭގެ ބޮޑު ބައެއް ކަވަރުވެފައި ވަނީ ކަނޑުން ކަމަށް ވާތީ އެވެ.
އެމެރިކާގެ ޖައްވީ ސްޓޭޝަން ސްކައިލެބުގެ ބައިތަކެއް 1979 ވަނަ އަހަރު ވަނީ ވެސްޓަން އޮސްޓްރޭލިއާ އަށް ވެއްޓިފަ އެވެ.