ކުރީގެ ރައީސް މުހަންމަދު ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިފައި ވަނީ ފޮޓޯގައި އެ ފެންނަ ސައިކަލްގައި ކަމަށާއި ސައިކަލް ހުރީ ނަޝީދުގެ ކާރުކޮޅާ ވަރަށް ކައިރީގައި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފި އެވެ.
ގޮއްވާލި ސައިކަލް ހުރީ، ނަޝީދުގެ ގެ ގ. ކެނެރީގޭ ގޯޅިން މަޖީދީމަގާވީ ކޮޅުގަ އެވެ. އެ ސައިކަލާ ކާރާ ދޭތެރޭ ހައެއްކަ ފޫޓު ވެސް ނުހުންނާނެ އެވެ.
މަޖީދީ މަގު، ކުރީގެ އެމެޓީ ފިހާރައިގެ ކަންމަތީގައި އެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުން ދުއްވާފައި ދިޔަ މީހަކު ބުނީ އޭނާ އެ ހިސާބަށް އަރާ ހަމަވި ވަގުތު "ބޮމެއް ގޮވީ" ކަމަށެވެ. އަދި ވަގުތުން ނިތްކުރީގައި އަތް އެޅި، ލޯމަރާލެވުނު ކަމަށް އޭނާ ބުންޏެވެ.
"ދެން ފެނުނީ ތިން މީހަކު ވެއްޓިފައި ތިބި ތަން. އަޅުގަނޑު ނަޝީދެއް ނުދެކެން. ނަޝީދު ހުންނަވާނީ އަޅުގަނޑަށް ވުރެ ތަންކޮޅެއް ފަހަތުގައި. އެ ކާރު އަޅުގަނޑުގެ ފަހަތުގައި އޭރު އޮތީ،" އޭނާ ކިޔައިދިނެވެ.
"މީހުން ވަގުތުން އެއްވެއްޖެ. އަޅުގަނޑަށް ކުއްލިއަކަށް ފެނުނީ ދެ ސައިކަލް ވެއްޓިފައި އޮއްވައި. ނޫކުލައިގެ ސައިކަލަކަށް އޮތީ ވަރަށް ވަރުވެފައި. އެކަމަކު އެކަމަށް އަޅުގަނޑުމެން އެކަކު ވެސް އަޅައެއް ނުލަން. ނަޝީދު ޒަހަމްވި ކަމެއް ނުވަތަ މިއީ އެމަނިކުފާނަށް ދިން ހަމަލައެއް ކަމެއް ވެސް ނޭނގެ. އަޅުގަނޑަށް ހީވަނީ ބޮޑީ ގާޑު ވެސް އޮތީ ވެއްޓިފަހެން،" އޭނާ ކިޔައިދިނެވެ.
އެ ވަގުތު އެތާނގައި ހުރި އެހެން މީހަކު ވެސް ބުނީ އެންމެ ބޮޑުވަރު ވެފައި އޮތީ ނޫކުލައިގެ ސައިކަލަށް ކަމަށެވެ. އެ ސައިކަލްގެ މަޑިދަށުގައި އެއްޗެއް ބާއްވާފައި ގޮއްވާލި ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.
"ކޮންމެ ގޮތެއް ވިޔަސް އެހެން ތަނަކުން ނޫން އޭތި ގޮވީ. އަޅުގަނޑަށް ސައްތައިން ސައްތަ އެ ސައިކަލްގައިކަން ގޮވީ،" އޭނާ ކިޔައިދިނެވެ. "އެއްގޮތަކީ ސައިކަލްގައި ގޮއްވާލީ. އަނެއް ގޮތަކީ ސައިކަލްގެ ދަށުގައި އެއްޗެއް ބާއްވާފައި ގޮއްވާލީ. އެކަމަކު ސައިކަލްގެ ދަށުން އެއްޗެއް ގޮވާފައި ހުރިހެނެއް ހިޔެއް ނުވޭ. އަޅުގަނޑު ވަރަށް ރަނގަޅަށް ބެލިން."
ވެއްޓިފައި އޮތް އެ ސައިކަލް އޮތީ މަޑި ދަށާ ގުޅިފައިވާ ބައި އެއްކޮށް ފުނޑިފަ އެވެ.
އެމްޑީޕީން މިރޭ އާންމު ކުރި ވީޑިއޯއެއްގައި ވެސް ފެންނަނީ އެ ސައިކަލް ހުރި ތަނާ ކައިރީގައި އެއްޗެއް ގޮވި ކަމަށެވެ. ސަބަބަކީ، އެހެން އެއްވެސް އެއްޗެއް ކައިރީގައި ނެތް ވަރަށް އެ ސައިކަލް ކައިރީގައި ހަލާކުވެފައި ހުރި އޮއްގާތަކާއި އެހެނިހެން ވެސް އެއްޗެހި ހުއްޓެވެ.
އެމްޑީޕީން ތުހުމަތުކުރަނީ މިއީ ސީދާ ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ދިން ހަމަލާއެއް ކަމަށެވެ. ބައެއް މީހުން ބުނާގޮތުން އެއްޗެއް ގޮއްވާލި މީހާ ދުވެފައި ދިޔަ ތަން ވެސް އެތައް ބަޔަކަށް ފެނުނެވެ. އެކަމަކު މި ވާހަކަ އަދި އެހާ ޔަގީނެއް ނޫނެވެ.
ހަމަލާގައި ނަޝީދާ އެކު ހަތަރު މީހަކު ޒަހަމްވި އެވެ. އެއްބައެއްގެ ފައި ވަރަށް ބޮޑަށް ޒަހަމްވި އިރު، ބައެއް މީހުންގެ ބުރަކަށްޓާއި ގައިގެ އެހެން ތަންތަނަށް ތޫނު އެއްޗެހި ވަދެފައިވާކަން ފޮޓޯތަކުން ފެނެ އެވެ. ނަޝީދަށް ބޮޑަށް ގެއްލުން ލިބިފައި ވަނީ އެމަނިކުފާނުގެ މޫނުފުޅަށެވެ.
މި ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.