ރާއްޖޭގައި މިހާރު ދޭ އިންޓަނެޓްގެ ހިދުމަތުގެ އަގު އަންނަ ޖުލައި 1 އިން ފެށިގެން ހެޔޮކުރަން ނިންމައި، އަގުތަކާ މެދު މަޝްވަރާ ކުރަން ފަށައިފި އެވެ.
އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ޓަކައި ކަމާ ބެހޭ ފަރާތްތަކާ އެކު މިރޭ ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. މި ބައްދަލުވުމުގައި ކަމާ ބެހޭ އިސް ބޭފުޅުންނާއި ޓެކްނިކަލް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
އެނގިފައިވާ ގޮތުގައި އަގުތަކަށް ބަދަލު ގެންނަން އެއްބަސްވެފައި ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، މިހާރު ތިބި އޮޕަރޭޓަރުންގެ އިތުރުން އެހެން އޮޕަރޭޓަރުންނަށް ފުރުސަތު ނުދޭ ގޮތަށެވެ. އަދި މި މުއްދަތަށް ފަހު އަލުން އަގުތައް ރިވިއުކުރާ ގޮތަށެވެ.
ސަރުކާރުން ހުށަހަޅާ ގޮތަކީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބީ (ތްރޮޓުލް ސްޕީޑްގައި 2 އެމްބީޕީއެސް)، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް)، 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 200 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް) އެވެ. މިއީ ފިކްސް ބްރޯޑްބޭންޑަށް އެކަނި ކަނޑައަޅާ ގޮތެވެ.
މިކަމާ ބެހޭ ގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި، ސަރުކާރުން މިކަމާ ބެހޭ ގޮތުން ހުށަހަޅާ ގޮތްތައް މާދަމާ ހާމަކުރާނެ އެވެ.
އިންޓަނެޓް އަގުހެޔޮ ކުރުމަކީ، މި ސަރުކާރު ވެރިކަމަށް އައުމުގެ އެންމެ ބޮޑު ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތަކެވެ. އަދި ސަރުކާރަށް ތިން އަހަރު ވާއިރު ވެސް އިންޓަނެޓްގެ އަގަށް ބަދަލު އައިސްފައި ނުވާތީ، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކާ ސަރުކާރު ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
އިންޓަނެޓްގެ އަގުހެޔޮ ކުރުން ވަރަށް ބޮޑު މައުލޫއަކަށްވެ، އެ މައްސަލަ ހުއްޖަތަކަށް ނަގައިގެން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހަންމަދު މަލީހު ޖަމާލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި، މިދިޔަ މާޗް މަހުގެ ތެރޭގައި މަގާމުން ވަނީ ބޭރުކޮށްލައިފަ އެވެ. އެކަމަކު އޭނާ ވިދާޅުވަމުން ގެންދެވީ، އިންޓަނެޓްގެ އަގުހެޔޮ ކުރުމާ ބެހޭ ހުރިހާ ކަމެއް ނިންމައި، ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.