އާ އަޒުމާއި ލަނޑުދަނޑިތަކާ އެކު ފެށި ދިރާސީ އާ އަހަރު މިއަދު މި ވަނީ ނިމިފަ އެވެ. އެކި ސްކޫލުތަކުން ހާސިލްކުރަން ބޭނުންވި ލަނޑުދަނޑިތަކާއި މަގުސަދުތައް އެކި މިންވަރަށް ހާސިލް ވީއިރު އަނެއް ބައި ސްކޫލްތައް ވަރަށް ކާމިޔާބެވެ.
އަހަރުގެ ފަހު ސެމިސްޓާގެ ރިޕޯޓު ފޮތް ދީ ސްކޫލުތައް ބަންދުވެ، ރާއްޖޭގެ ބޮޑު ޗުއްޓީ މި އޮތީ ފެށިފަ އެވެ. އެކަމަކު މުޅި އަހަރު ކުރި ބުރަ މަސައްކަތްތަކާ މެދު އަލުން ބަލައިލުމަކީ، ބައެއް ޕްރިންސިޕަލުންނަށް އުފަލެކެވެ.
ބ. އޭދަފުށީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހުމަދު ރަފީއު ވިދާޅުވީ ދަރިވަރުންގެ ތައުލީމީ ނަތީޖާއާ އެއްވަރަށް އިތުރު ހަރަކާތްތަކާއި ކުޅިވަރުތަކުން ވެސް ކާމިޔާބު ހޯދަން ގިނަ މަސައްކަތްތަކެއް މި އަހަރު ކުރެވިފައިވާ ކަމަށެވެ.
ހާހެއްހާ ދަރިވަރުން ކިޔަވަމުން އަންނަ އެ ސްކޫލުން ސާނަވީ އިމްތިހާނުގައި ހޯދާ ނަތީޖާ ރަނގަޅުކުރަން ވަކިވަކި މާއްދާތަކަށް ހާއްސަކޮށްގެން ޕްރޮގްރާމްތައް ހިންގި އެވެ. އަދި ޓީޗަރުންގެ ފެންވަރު މަތިކުރަން ވެސް މަސައްކަތްކުރި އެވެ.
"މިއީ މި ސްކޫލަށް ކާމިޔާބު އަހަރެއް،" ރަފީއު ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސް ވީ އެއް ސްކޫލް، އަމީނިއްޔާގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވީ މިއީ އެ ސްކޫލަށް ވެސް ކާމިޔާބު އަހަރެއް ކަަމަށެވެ. ހާއްސަކޮށް އޯ ލެެވެލްގެ އިމްތިހާނުގެ ނަތީޖާ ރަނގަޅުކުރަން ސްކޫލްގެ އެންމެން ގުޅިގެން ހިންގި ހަރަކާތްތައް ގިނަ އެވެ.
"އެންމެ ހިތްހަމަޖެހޭ ވަރަށް ފުރިހަމަ ނުވިކަމުގައި ވިއަސް ކާމިޔާބުކަމާ އެކު ދިރާސީ އަހަރު ނިންމާލެވިއްޖެ. ދަރިވަރުންނަށް ހަމައެކަނި އެންމެ ރަނގަޅު ނަތީޖާ ނެރުމުގެ ބަދަލުގައި ރަނގަޅަށް ދަރިވަރުން ތަރުބިއްޔަތު ކޮށް ކާމިޔާބު ރަނގަޅު ދަރިވަރުންތަކެއް ނެރުމަކީ ވެސް ސްކޫލުތަކުން ކޮށްދޭނެ ކަންތައްތައް،" ނާޒްލީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރު އަމީނިއްޔާ ސްކޫލުގައި އަލަށް ގްރޭޑް ހަތެއް އުފައްދައި، ގްރޭޑް 1-10 އަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުވާނެ އެވެ. އެ ސްކޫލްގައި 2011 ގައި އަލުން ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭން ފެށި ފަހުން އަހަރަކު ގްރޭޑެއް އައީ އިތުރުކުރަމުންނެވެ. އެގޮތުން އަންނަ އަހަރު ގްރޭޑް ހަތެއް އުފެދުމާ އެކު ޕްރައިމަރީ އާއި ސެކަންޑަރީގެ ހުރިހާ ގްރޭޑްތަކަކަށް ކިޔަވައިދޭ ސްކޫލަކަށް ވާނެ އެވެ.
ނާޒްލީން ވިދާޅުވީ ތައުލީމީ އާ މަންހަޖު ވަރަށް ފުރިހަމަ ކަމަށާއި ނަމަވެސް އެ ތަންފީޒުކުރަން ގޮންޖެހުންތަކެއް ދިމާވާ ކަމަށެވެ.
ހދ. ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް މަހުދީ ޝާހީދު ވިދާޅުވީ މި އަހަރު އެންމެ ސަމާލުކަމެއް ދިނީ އެންމެ ކުއްޖަކު ވެސް ބާކީނުކޮށް ތައުލީމު ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ބީޓެކާއި ދަސްވާރު ޕްރޮގްރާމު ފަށައި އޭގެ ބޭނުންތެރިކަން ވެސް ބެލެނިވެރިންނަށް އަންގައިދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކިޔެވުމުގެ އިތުރުން ކުޅިވަރުގެ ދާއިރާއިން މިއަހަރު ޖަލާލުއްދީން ސްކޫލް ވަރަށް ކާމިޔާބު ކަމަށެވެ. އޭގެ ތެރޭގައި ގައުމީ އެތުލެޓިކްސް މުބާރާތުން އެ ސްކޫލުގެ ދަރިވަރުން ބޮޑެތި ކާމިޔާބީތަކެއް ހޯދައިވާއިރު ރާއްޖެ ތަމްސީލުކުރުމަށް ވެސް ބޭރުގައި ބޭއްވި މުބާރާތަކަށް ދިޔަ ކަމަށާއި އަދި އޭ ލެވެލް އިން ވެސް ދުނިޔެއިން އެއް ވަނަ ހޯދާފައިވާ ކަމަށް މަހުދީ ވިދާޅުވި އެވެ.
"ކާމިޔާބު އަހަރެއް މިއީ،" ގްރޭޑް 8-12 އަށް ކިޔަވައިދެމުން އަންނަ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.
ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވައިދެމުން އަންނައިރު ޖަލާލުއްދީން ސްކޫލުން އަމާޒު ހިފާފައި ހުރީ އަންނަ އަހަރު މުޅި ސްކޫލުގައި ސްމާޓް ބޯޑު ބެހެއްޓުމަށެވެ.
މިދިޔަ އަހަރު އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރި އަހުމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ ހުރިހާ ގްރޭޑަކަށް ބަލާފައި ވެސް މިއީ އެ ސްކޫލަށް ވަރަށް ކާމިޔާބު އަހަރެކެވެ. ސެމިސްޓާ އިމްތިހާނުގެ ނަތީޖާ ވެސް މިއަަހަރުގެ ފުރަތަމަ ޓާމާ އަޅާބަލާއިރު ވަރަށް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
"ތައުލީމީގޮތުން ވަރަށް ފާގަތި އަދި ކާމިޔާބު އަހަރެއް މިއީ. ފުރަތަމަ ޓާމަށްވުރެ ދެ ވަނަ ޓާމުގައި ދަރިވަރުން ހޯދާފައިވާ ނަތީޖާ ރަނގަޅު،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކި އެސޯސިއެޝަންތަކުން ބޭއްވި މުބާރާތްތަކުގައި އަހުމަދިއްޔާ ސްކޫލު ބައިވެރިވެ އޭގެ ތެރެއިން ވެސް ގިނަ މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދާފައިވާ ކަމަށެވެ.
އަންނަ އަހަރުގެ ތެރޭގައި ކުރަން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި، ވާދަވެރި ޓީމުތަކެއް އަހުމަދިއްޔާ ސްކޫލުން ނެރުމާއި އެ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަމްރީނުތަކެއް ދިނުން ހިމެނެ އެވެ. އަދި ތައުލީމީ ވެއްޓެއްގެ ތެރެއިން ދަރިވަރުންނަށް ލިބެންޖެހޭ ކަންތައްތައް ވެސް ފޯރުކޮށްދިނުމަށް އަންނަ އަހަރުގެ ތެރޭގައި ހާއްސަ ކަމެއް ދޭނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.
ގާތްގަނޑަކަށް ތިން ހާހެއްހާ ދަރިވަރުން ކިޔަވަމުން އަންނަ އަހުމަދިއްޔާ ސްކޫލަށް ވަންނަން ބޭނުންވާ އެތައް ދަރިވަރުންނެއް އެބަހުރި ކަމަށާއި ނަމަވެސް ޖާގައިގެ ދަތިކަމާހުރެ އެ ދަރިވަރުންނަށް ފުރުސަތު ނުދެވޭކަމަށް ރަޝީދު ވިދާޅުވި އެވެ.
"މި ސްކޫލަށް ޖާގައިގެ މައްސަލައަކީ އެންމެ ބޮޑު ގޮންޖެހުން. ޖާގައިގެ ދަތިކަން ފިޔަވައި އެހެން ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެފައި އެބަހުރި،" ރަޝީދު ވިދާޅުވި އެވެ.