ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކ. މާފުށިން 15 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އެބައޮތް ކަމަށް ކައުންސިލުން މިރޭ ބުނެފި އެވެ.
ޓޫރިސްޓް ގެސްޓް ހައުސްތަކާއި ބޮޑެތި ހޮޓާތައް ހިންގުމަށް މަޝްހޫރު މާފުށިން ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރަށަށް އަރައިފޭބުން އިއްޔެ ވަނީ މަނާކޮށްފަ އެވެ.
ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވި ގޮތުގައި 15 މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން ހެލްތު ސެންޓަރުން ވަނީ އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން އަންގައިފަ އެވެ. އޭނާ ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި، ބައްދަލުވެފައި ނެތް މީހުން ވެސް ހިމެނޭ ކަމަށެވެ.
މާފުށީގައި މިހާރު އަންނަނީ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
މި ފަހަރު ރަށުގައި ބަލި ފެތުރެމުންދާ ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށް އުސްމާން ވިދާޅުވި އެވެ.
ކައުންސިލްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މާސްކު ނާޅާ އުޅުން އާއްމުވެފައި އޮތުމެވެ.
އުސްމާން ވިދާޅުވިގޮތުގައި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މާފުށިީގައި ފަތުރުވެރިންނާއި ގެސްޓް ހައުސްތަކުގެ މުވައްޒަފުންނާއި ރަށުގެ އާންމުން ވެސް މާސްކް ނާޅައި އުޅޭ މައްސަލަ ބޮޑެވެ. ޖޫރިމަނާ ކޮށްގެން ނަމަވެސް އެކަން ހައްލުކޮށްދޭން ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެކަމަށް އެދެވޭ ހައްލެއް މިހާތަނަށް ލިބިފައި ނުވާތީ އުސްމާން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މާފުށިން ކޮވިޑަށް ޕޮޒިޓިވްވި 15 މީހުންގެ ތެރޭގައި ޓޫރިސްޓަކު ނުހިމެނެ އެވެ. އެކަމަކު ގެސްޓް ހައުސްގެ ވިޔަފާރި އަލުން ހުޅުވައިލި ފަހުން، ދޭތެރެއަކުން ޓޫރިސްޓުން ވެސް ޕޮޒިޓިވްވާ ކަމަށް އުސްމާން ވިދާޅުވި އެވެ.
މި އަހަރުގެ ކުރީކޮޅު ވެސް ކޮވިޑްގެ ކޭސްތަކެއް ފެނިގެން މާފުއްޓަށް އަރައިފޭބުން މަނާކުރި އެވެ.