އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯކުރުމަށް [ފައިސާ އިތުރަށް ޗާޕްކުރުމަށް] ރައްޔިތުންގެ މަޖިލީހުން ސަރުކާރާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން ފިނޭންސް މިނިސްޓްރީން ރައްޔިތުން މަޖިލީހަށް ހުށަހެޅުމުން، އެކަމާ މެދު ގޮތެއް ނުނިމި ފެއިލްވީ، ބައެއް މެމްބަރުންނަށް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުން ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ލީޑަރު އަލީ އާޒިމް މިއަދު ތުހުމަތު ކުރައްވައިފި އެވެ.
ފައިސާ އިތުރަށް ޗާޕު ކުރުން ހިމެނޭ ގޮތުން، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނުނޫގެ ބައެއް މާއްދާތައް ސަސްޕެންޑްކުރަން މަޖިލީހުން މިދިޔަ އަހަރު ނިންމާފައި އޮތީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތު މި މަހުގެ 26 ވަނަ ދުވަހަށް ހަމަވާތީ، މުއްދަތު އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހުގައި އެދުނީ އިއްޔެ އެވެ.
އެ މައްސަލައާ މެދު މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމުން އެ ހުށަހެޅުން ފާހެެއް ނުވި އެވެ. މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ވަގުތު ތިއްބެވި 60 މެމްބަރުންގެ ތެރެއިން 48 މެމްބަރުން ވޯޓު ދެއްވީ އެ ހުށަހެޅުން ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އާޒިމް މިރޭ ކުރެއްވި ޓުވީޓެއްގައި އެކަމުގެ ޒިންމާ އެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގެ ބައެއް ވަޒީރުންގެ އިސްތަށިފުޅުގަ އެވެ.
އާޒިމް ވިދާޅުވިގޮތުގައި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރަން ފަސް ކުރުމަށް ދީފައިވާ އިސްތިސްނާގެ މުއްދަތު އިތުރު ކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުމާ މެދު ގޮތެއް ނުނިމި ދިޔައީ ސަރުކާރުގެ ބައެއް ވަޒީރުން މަޖިލީހުގެ އެމްޑީޕީ ލީޑާޝިޕާ މަޝްވަރާ ކުރުމުގެ ބަދަލުގައި މެމްބަރުންނަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ކަންކަން ކުރަން އުޅުއްވުމުންނެވެ.
"މިގޮތަށް ކަންކަން ނުކުރުމަށް އެފަދަ ވަޒީރުންނަށް ދަންނަވަން،" ވަކި މިނިސްޓަރެއްގެ ނަން ހާމަ ނުކުރައްވައި އާޒިމް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރުގެ ހުށަހެޅުމަށް އިއްޔެ އެމްޑީޕީގެ ގިނަ މެންބަރުން ފާޑު ވިދާޅުވެ، ނުރުހުން ފާޅުކުރެއްވި އެވެ. މިނިސްޓަރުގެ ހުށަހެޅުމަށް ބައެއް ބަދަލުތައް ގެނެސްގެން ނޫނީ އެކަމަށް ހުއްދަ ނުދިނުމަށް ވެސް ގިނަ މެންބަރުން ގޮވައިލެއްވި އެވެ.