ހުޅުމާލޭގެ ހިޔާ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ފަންނީ ކެޓަގަރީގެ މީހުން [ޑޮކްޓަރުން، ޓީޗަރުން، ނަރުހުން]،ގެ ތެރެއިން އެ ފްލެޓް ދޫކޮށްލާ މީހުންނަށް ސަރުކާރުގެ ކުރިއަށް ހުރި ހައުސިން މަޝްރޫއަކުން ފްލެޓް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހައުސިން މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ އަލަށް ދޫކުރާ މި ފްލެޓްތަކަކީ، ފަންނީ މީހުންނަށް ލިބޭ އާމްދަނީއާ އެއް ހަމައެއްގައި ލިބޭނެ ބޯހިޔާވަހިކަމެއް ކަމަށެވެ. އެ މިނިސްޓްރީން ބުނިގޮތުގައި ތިން ކޮޓަރީގެ މި ފްލެޓްތައް ވާނީ އަގާއި ތަނުގެ ފެންވަރު އެއްވަރެއްގައި ހުންނަ ތަނަކަށެވެ.
ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންގެ އިތުރުން ސިވިލް ސާވިސްގެ ފަންނީ މީހުންނަށް ވެސް މި ފުރުސަތު އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
ހިޔާ ފްލެޓް ދޫކޮށްލައިގެން، އާ ފްލެޓް ހޯދަން ބޭނުންވާ މީހުން، މާދަމާ އިން ފެށިގެން މި މަހުގެ 19ގެ ނިޔަލަށް ހައުސިން މިނިސްޓްރީ އަށް އެކަން އެންގުމަށް އެތަނުން އެދެ އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 7،000 ފްލެޓުގެ މަޝްރޫގައި ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންނަށް ވެސް ހާއްސަ ކެޓަގަރީއެއް ހިމަނާފައިވީ ނަމަވެސް، އެ މީހުންނަށް ސޯޝަލް ހައުސިންގެ ބަދަލުގައި، އާމްދަނީގެ ހާލަތަށް ބަލައިގެން ބޯހިޔާވަހިކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ސަރުކާރަށް ހުށަހަޅައިފަ އެވެ.