މާލެ ސްވިމިން ޓްރެކްގައި އަލަށް ހެދި ޑައިވިން ޕްލެޓްފޯމާއި ސްލައިޑަށް ހީކުރި ވަރަށް ވުރެ ވެސް ބޮޑު ތަރުހީބެއް އާންމުންގެ ފަރާތުން ލިބެމުން އަންނަ ކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.
އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް އަލީ "މިހާރު" އަށް ވިދާޅުވީ އެ ތަނުގައި ޑައިވިން ޕްލެޓްފޯމެއް ގާއިމްކުރީ ފަތަން ދާ ކުދިންނަށް ކުރިއަށް ވުރެ ބޮޑު ރައްކާތެރިކަމެއް ކަށަވަރުކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެތަނުގައި ހަރުކުރި ސްލައިޑަކީ، ޓްރެކް ބޭނުންކުރާ ކުދިންނާއި މީހުންނަށް އިތުރު ހިތްހަމަޖެހުމެއް ކަމަށް ވެސް، އޭނާ ސިފަކުރެއްވި އެވެ.
"ހީކުރި ވަރަށް ވުރެ ބޮޑަށް ސަޕޯޓު ލިބުނު. ސްލައިޑް ވެސް ލީ ކުޑަކުދިންނަށް މަޖާކުރެވޭނެ މާހައުލެއް ފޯރުކޮށްދޭން،" އިސްމާއިލް ވިދާޅުވި އެވެ.
މާލޭގައި އެންމެ ގިނަ ބަޔަކު ފަތަން ބޭނުންކުރާ ޓްރެކް ސަރަހައްދުގައި ޑައިވް ޖަހަން ކުރިން ވަކި ހާއްސަ ތަނެއް ނުހުރެ އެވެ. ގިނަ ކުދިން ޑައިވް ޖެހުމާއި އެކަމަށް ފަރިތަކުރަން އެއްގަމު ތޮށިގަނޑު ވެސް ބޭނުންކުރެ އެވެ. މޮޅަށް ޑައިވް ޖަހާ ކުދިން އެކަން ކުރަނީ ސްޓެލްކޯގެ ފާރު ކައިރިން ދުވެފައި، ބޮޑުތަކުރުފާނު މަގު ހުރަސްކޮށް ގޮސް، ތޮށިގަނޑަށް އަރަ އެވެ.
ބޮޑުތަކުރުފާނު މަގުގެ އެ ހިސާބަކީ ސިނަމާލެ ބްރިޖަށް ދާ މަގު ކަމުން ބްރިޖް ހުޅުވި ފަހުން އެ މަގުގެ ޓްރެފިކް ބޮޑެވެ. އެހެންކަމުން އިސްމާއިލް ވިދާޅުވީ މަގު ހުރަސްކޮށް ދުވެފައި ތޮށިގަނޑު މައްޗަށް އެރުމަކީ ރައްކާތެރި ގޮތެއް ވެސް ނޫން ކަމަށެވެ.
"ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފާނެތީ މި މަސައްކަތްކުރީ މިކަހަލަ ތަނެއް ހަދަން،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑައިވް ކުރުމަކީ ފެތުމުގެ އެއް ހުނަރު ކަމުން އެކަން ވެސް ކުރިއަށް ވުރެ ބޮޑަށް އަދި ރަނގަޅަށް ދަސްކޮށްދިނުމުގެ ފުރުސަތު، ޑައިވިން ޕްލެޓްފޯމުން ލިބޭނެ ކަމަށެވެ.
ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން 1.1 މިލިއަން ރުފިޔާ ހޭދަކޮށްގެން އެ ޕްލެޓްފޯމާއި ސްލައިޑް ހަދަން ގާތްގަނޑަކަށް ތިން މަސް ނެގި އެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި ގިނަ ދުވަހަށް ދެމިގެންދާ ގޮތަށް އެ ތަން ބޭނުންކުރެވޭނީ އާންމުންގެ އެހީތެރިކަން ލިބިގެންނެވެ. އެހެންކަމުން ތަނުގެ ސާފުތާހިރުކަން ދަމަހައްޓާށާއި ސްލައިޑް ބޭނުންކުރުމުގައި ރައްކާތެރިކަން ކަށަވަރުކުރަން އޭނާ އިލްތިމާސްކުރެއްވި އެވެ.
"ސްލައިޑް ބޭނުންކުރަންވާނީ މޯޓަރު ޖައްސާފައި، ސްލައިޑުގައި ފެން ހުންނަ ވަގުތެއްގައި. އެ ނޫން ވަގުތުތަކުގައި ބޭނުންކުރާ ނަމަ ހަންގަނޑަށް ގެއްލުންވުން އެކަށީގެންވޭ،" އިސްމާއިލް ވިދާޅުވި އެވެ.
އާންމުކޮށް ސްލައިޑް ބޭނުންކުރެވޭ ގޮތަށް ހުންނާނީ ހެނދުނު 8:30-10:00 އަށާއި މެންދުރުފަހު 3:00-6:30 އަށެވެ. އެކަމަކު ބަންދު ދުވަސްތަކުގައި އެއަށް ވުރެ ގިނަ ވަގުތު އެތަން ބޭނުންކުރެވޭ ގޮތް ހަމަޖައްސައިދޭނެ ކަމަށް، އިސްމާއިލް ވިދާޅުވި އެވެ.