ބައެއް ބެލެނިވެރިން ސްކޫލްދޮށަށް ދާއިރު ހެދުން އަޅާފައި ތިބޭ ގޮތާ މެދު ހިތްހަމަނުޖެހިގެން އެކަން ބަދަލުކުރަން އިނގިރޭސިވިލާތުގެ ޕްރައިމަރީ ސްކޫލަކުން ބެލެނިވެރިންނަށް ނަސޭހަތް ދީފި އެވެ.

ވެސްޓް ސަސިކްސްގެ ކްރޯލީގައި ހިންގާ ސީމޯ ޕްރައިމަރީ ސްކޫލުން ފޮނުވި ނޯޓިހުގައި ބުނީ އަންހެން ބެލެނިވެރިން ކުދިން ސްކޫލަށް ގެންނައިރު އާއިރު އެ ކުދިން ބަލައި އަންނައިރު މާ ކުރު ހެދުމާއި ގަޔަށް ބާރު ހެދުން ލާތީ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. ސްކޫލުން ބުނީ އެއީ ސްކޫލް މާހައުލާ ގުޅޭ ގޮތެއް ނޫން ކަމަށެވެ.

"އެހެންވީމަ މިކަމުގައި ބެލެނިވެރިން ސަމާލުވާން އެދެން. އަދި ބެލިވެރިން ދަރިންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާން ޖެހޭނެ،" ސްކޫލްގެ ނޯޓިހުގައި ބުންޏެވެ.

އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ސްކޫލް ފަދަ މާހައުލަކަށް ކުދިން ގޮވައިގެންދާ އިރު އެކަށީގެން ނުވާ ގޮތަށް އަންހެން ބެލިވެރިން ލައިގެން ދާ އެއްޗެހީގެ ތެރޭގައި ޕިޖާމަތަކާއި މިނީ ސްކާޓާއި ކަރުބޮޑު ޓޮޕާއި ކިރިޔާ ނިވާވާ ވަރުގެ ސޯޓް ހިމެނެ އެވެ.

ދަ ސަން އިން ބުނި ގޮތުގައި ބެލެނިވެރިން ހެދުން އަޅާ ގޮތާ މެދު ހިތްހަމަނުޖެހިގެން ސްކޫލުން ފޮނުވި ނޯޓިހާ ގުޅިގެން ބައެއް ބެލެނިވެރިން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. ބައެއް ބެލެނިވެރިން ބުނެފައިވާ ގޮތުގައި ނޯޓިހާ މެދު އެންމެ ކަންބޮޑުވަނީ އޭގައި "ވަރަށް ހަރުކަށި އިބާރާތްތަކެއް ބޭނުންކޮށްފައި" ހުރުމުންނެވެ.

މިކަމާ ބެހޭ ގޮތުން ސީމޯ ޕްރައިމަރީ ސްކޫލްގެ އޮފިޝަލަކު ވިދާޅުވީ ނޯޓިހުގެ ބޭނުމަކީ ބެލެނިވެރިންނަށް އިންޒާރެއް ދިނުން ނޫން ކަމަށެވެ.

"މަގުސަދަކީ ބެލެނިވެރިންނަށް އިރުޝާދެއް ދިނުން،" އޭނާ ވިދާޅުވި އެވެ. "އެހެންވީމަ އެކަން ޕޮޒިޓިވްކޮށް ނެގުމަށް ސްކޫލްގެ މެނޭޖްމަންޓުން އެދޭ."