ބަންދުކޮށްފައިވާ އައްޑޫގެ ދެ ރިސޯޓު، ޝަންގްރިއްލާ ވިލިނގިލި ރިސޯޓު އެންޑް ސްޕާ އާއި ކެނަރީފް އަލުން ހުޅުވުމަށް މަސައްކަތްކޮށް ދިނުމަށް އެކި ފަރާތްތަކުން ބާރުއަޅާ ކަމަށާއި އެކަމަށްޓަކައި ޝުކުރު ވެސް އަދާކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދެ ރިސޯޓު ބަންދުކޮށްފައި އޮތުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ އެކި ދާއިރާތަކުގެ މެމްބަރުން އޭނާ އަށް ގުޅުއްވައި އެ ތަންތަން ވީހާ ވެސް އަވަހަކަށް ހުޅުވައި ދިނުމަށް މަސައްކަތް ކޮށްދިނުމަށް ބާރު އަޅުއްވާ ކަމަށެވެ.
މިނިސްޓަރު މައުސޫމް މި މޭރުމުން ޓްވީޓް ކުރެއްވީ، ވިލިނގިލި ރިސޯޓާއި ކެނަރީފް ބަންދުކޮށްފައި އޮތުމާއި އައްޑޫގެ ޓޫރިޒަމް ދާއިރާގައި ހުރި ކަންބޮޑުވުންތައް އައްޑޫ ޑިވެލޮމަންޓް ކޮމިޓީ (އޭޑީސީ) އިން އިއްޔެ މިނިސްޓަރާ ބައްދަލުކޮށް ހިއްސާކޮށްފައި ވަނިކޮށެވެ.
އައްޑޫގެ ރައްޔިތުންގެ މިހާރުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ވެސް ދެ ރިސޯޓު ބަންދުކޮށްފައި އޮތުމުން އެ ތަންތަނުގެ މުވައްޒަފުން ބިކަވުމުގެ އިތުރަށް، އައްޑޫގެ އިގުތިސާދަށް ވެސް ނޭދެވޭ އަސަރުތަކެއް ކޮށްފައި ވުމެވެ.
ކޮވިޑް-19 އާ ހެދި ޝަންގްރިއްލާ އާއި ކެނަރީފް ބަންދުކުރީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ. ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ވިލިނގިލި ރިސޯޓް ބަންދުކުރީ މުއްދަތެއް ނެތް ގޮތަށެވެ.
އޭޑީސީން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވެފައި ވަނީ ދެ ރިސޯޓް ވެސް ހުޅުވުމަށް އެ ތަންތަނުގެ މެނޭޖްމަންޓްތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެހެންވެ ވަރަށް އަވަހަށް އުފާވެރި ޚަބަރެއް ދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން އަންނަ އަހަރު އައްޑޫގައި ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާ އިރު، އައްޑޫގެ ޓޫރިޒަމް ދާއިރާގެ ކުރިމަގު އަދި ފެންނަން އޮތީ ވަރަށް ކުލަ ފަނޑުކޮށް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ނަމަވެސް ޑރ. މައުސޫމް މިދިޔަ ޖެނުއަރީ މަހު އައްޑުއަށް ކުރެއްވި ދަތުރުގައި ވިދާޅުވީ "ރާއްޖޭގެ ޓޫރިޒަމްގެ ރަން އަހަރަށް މަރުހަބާ ކިޔާ އިރު އައްޑޫގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ އެންމެންގެ މޫނަށް ހިނިތުންވުމުގެ ކުލަވަރު ގެނެސްދޭނެ" ކަމަށެވެ.