ގއ. މާމެންދޫގައި މިރޭ ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލި 17 އަހަރުގެ ކުއްޖަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މާރާމާރީގެ ރިޕޯޓް ލިބުނީ މިރޭ 10:10 ގައި ކަމަށާއި މި މާރާމާރީގައި ދެ މީހަކު ޒަހަމްކޮށްލި ކަމަށެވެ. އެނގިފައިވާ ގޮތުގައި ޒަހަމްވީ ކޮއްކޮ އާއި ބޭބެ އެވެ.

ޒަހަމްވި ދެ މީހުންގެ ތެރެއިން 17 އަހަރުގެ ކުއްޖާ މަރުވީ ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް ކަމަށް ފުލުހުން ބުންޏެވެ. ޒަހަމްވި އަނެއް މީހާގެ ހާލަތާ ބެހޭ ގޮތުން މައުލޫމާތެއް އަދި ނުލިބެ އެވެ.

މިއީ މާރާމާރީތަކުގައި މީހުން މެރުމުގެ ސިލްސިލާތަކަށް ހުއްޓުމެއް އައިސް އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން ހިނގި ހާދިސާއެކެވެ.

މާރާމާރީއާ ބެހޭ ގޮތުން، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަމަލާ ދިން ކަމަށް ޝައްކުކުރެވޭ މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ގއ. މާމެންދޫގައި އުމުރުން 17 އަހަރުގެ ކުއްޖެއްގެ ގަޔަށް ވަޅި ހަރައި މަރާލައި އަދި އެކަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލި މައްސަލަ މި އަންނަނީ ބަލަމުން. މިހާރު ވަނީ މި އަމަލު ހިންގިކަމުގެ ތުހުމަތަށް އެކަކު ހައްޔަރުކޮށްފައި. މާމެންދޫގައި ތިބި ފުލުހުންނަށް އެހީވުމަށް ގއ. އަތޮޅުގެ ކައިރި ރަށްރަށުން ފުލުހުން ވަނީ ފޮނުވާފައި،" ޕޮލިސް ކޮމިޝަނަރުގެ ޓްވީޓެއްގައި ވިދާޅުވި އެވެ.

އޭނާގެ އެހެން ޓްވީޓެއްގައި ވިދާޅުވީ މި އަނިޔާވެރި ހަމަލާގެ މައްސަލަ ބަލަން ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާ ހަވާލުކޮށްފައިވާ ކަމަށާއި އެ ތަހުގީގު ޓީމު މާދަމާ ހެނދުނު މާމެންދުއަށް ދާނެ ކަމަށެވެ. ފުލުހުންގެ ތަހުގީގުގައި މާމެންދޫ ރައްޔިތުންގެ އެއްބާރުލުމަށް ހަމީދު ވަނީ އެދިވަޑައިގެންފަ އެވެ.