ގައިމައްޗަށް މިދިޔަ ހޮނިހިރުދުވަހު ފާރެއް ވެއްޓި ހަށިގަނޑުގެ ބޮޑު ބައެއް "ޗިސްވި" އުމުރުން 17 އަހަރުގެ ކުއްޖާގެ ހާލު ވަރަށް ސީރައަސް ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.

ގދ. ގައްދޫ، ނޫތަރި، މުހައްމަދު ފިރުޝާންގެ ގައިމައްޗަށް ފާރެއް ވެއްޓުނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ އެ އަތޮޅު ލޮނަދޫހުއްޓާއަށް ރައްޓެހިންތަކަކާ އެކު ދަތުރު ގޮސް އުޅެނިކޮށެވެ. ދުވަސްވެ ވެފައި ހުރި ފާރު ކައިރީގައި ސަކަރާތް ޖެހުމުގެ ތެރޭގައި ފާރު ވެއްޓި، ފިރުޝާން އޭގެ ދަށުގައި ތާށިވީ އެވެ. އޭނާއާ އެކު އުޅުނު އެ އުމުރުގެ އެހެން ކުދިންނަށް ސަލާމަތްވެވުނެވެ.

އާއިލާ އިން ބުނިގޮތުގައި އެންމެ ބޮޑުވަރުވީ ފިރުޝާންގެ ފަޔަށެވެ. ބޮލަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބި ސިކުނޑިއަށް ވަނީ ލޭ އެޅިފަ އެވެ. ފިރުޝާން ފުރަތަމަ ގެންދިޔައީ ގައްދޫ ހެލްތު ސެންޓަރަށެވެ. އެތަނުގައި އެކަށީގެންވާ ފަރުވާ ދެވެން ނެތިގެން ތިނަދޫގައި ހުންނަ ގދ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށް ފައިގެ އޮޕަރޭޝަނެއް ކުރި އެވެ.

އެކަމަކު އެ އޮޕަރޭޝަނުން ފައި ދުޅަވެ، އިތުރު އުނދަގޫތައް ވާތީ އަލުން އޭޑީކޭގައި ރޭ ސާޖަރީއެއް ހަދަން ޖެހުނު ކަމަށް އާއިލާ އިން މިއަދު ބުންޏެވެ.

"ޑޮކްޓަރުން ފެމިލީއާ ރޭ ބައްދަލުކޮށްފައި ވިދާޅުވީ ފިރުޝާން ވަރަށް ކްރިޓިކަލްއޭ. ރޭ ސާޖަރީއެއް ކުރި. ބްރެއިން އަށް ވަރަށް ބޮޑަށް ގެއްލުން ވެފައި ހުރީ. އިތުރު ސާޖަރީތަކެއް ވެސް ހަދަން ޖެހޭ،" އާއިލާ އިން ބުންޏެވެ.

އާއިލާ އިން ބުނީ ރޭ އޮޕަރޭޝަން ކުރި ފައިގެ ދެތިން ހަތަރު ތަނެއްގައި ވެސް ރެނދުލާފައިވާ ކަމަށެވެ.

"މުޅި ހަށިގަނޑަށް ގެއްލުން ލިބިފައި ހުރީ،" އާއިލާ އިން "މިހާރު"އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފިރުޝާންގެ ގިނަ އޮޕަރޭޝަންތަކެއް ކުރަން ޖެހުމާއި އައިސީޔޫގައި ބާއްވަން ޖެހުމުން އާއިލާ އިން ވަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމަށް އެދިފަ އެވެ. އޭޑީކޭގައި ފިރުޝާނަށް ދޭ ބައެއް ފަރުވާ އާސަންދައިން ހަމަޖެހުނަސް ޖުމްލަ ޚަރަދުތައް ދެއްކެން ނެތީ ކަމަށް އެ އާއިލާ އިން ބުންޏެވެ.

ގައްދު އިން 15 މިނެޓެއްހާއިރުން ދެވޭ ލޮނަދޫހުއްޓާއަށް ފިރުޝާން ރައްޓެހިންނާ އެކު ހަފުތާ ބަންދުގައި ދަތުރު ގޮސް އުޅުނަސް އޭނާ އަކީ މަސްވެރި ޒުވާނެކެވެ. އާއިލާގެ އެންމެ ބޮޑު ފިރިހެން ކުއްޖާގެ ގޮތުގައި ހުރިހާ ޚަރަދެއް މަންމަ އާއި ދައްތަމެން އަދި ކޮއްކޮއަށް ހަމަޖައްސައިދެމުން އައީ ފިރުޝާނެވެ.