މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުސް އޮފީހަށް ހާޒިރުކުރަނީ ތަހުގީގުކުރި މައްސަލައެއްގެ ބަޔާނުގައި ސޮއިކުރުވަން ކަމަށް އެ މަނިކުފާނު ވަކީލުން ރޭ ވިދާޅުވެއްޖެ އެވެ.

ވަކީލުންގެ ބަޔާނުގައި ވިދާޅުވީ ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރަނީ މެންދުރު އެކެއް ޖަހާއިރު ކަމަށް އަންގާފައިވާ ކަމަށެވެ. އެއީ އާ މައްސަލައެއްގެ ތަހުގީގަށް ނޫން ކަމަށް އެ ބަޔާނުގައިވެ އެވެ.

އެކަމަކު ސޮއިކުރުވަނީ ކޮން މައްސަލައެއްގައި ކަމެއް ވަކީލުން ވިދާޅެއް ނުވެ އެވެ.

މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލައި ޖަލަށް ހުކުމް އިއްވާފައިވާ ޔާމީންގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާ އުފުލައި ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަގެންދެ އެވެ. އެންމެ ފަހުން ބޭއްވި ޝަރީއަތުގައި އެ ދައުވާތަކަށް ޔާމީން އިންކާރު ކުރެއްވި އެވެ.

އެ މަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައީ ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް އަސްލު އޮޅުވާލައި މަންފާ ހޯދިކަން ސާބިތުވެގެންނެވެ. އެއީ ޚިޔާނާތުގެ ފައިސާ ކަމަށް ޝައްކުވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އިންވެސްޓްކޮށް، އެ ފައިސާގެ އަސްލު އޮޅުވާލުމުންނެވެ.

މި މައްސަލާގައި އިއްވި ފަސް އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމުގެ ހުކުމް ހައި ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.

ޔާމީންގެ ޕާޓީ، ޕީޕީއެމާއި ޕީއެންސީން ތުހުމަތުކުރާ ގޮތުގައި އެ މަނިކުފާނު ޖަލަށް ލީ ސިޔާސީ މަގްސަދެއްގަ އެވެ. ޔާމީންގެ ވަކީލުން ވެސް ވިދާޅުވި ގޮތުގައި އަސާސީ ހައްގުތަކާއި މިނިވަންކަމާއި ހަމަހަމަކަމާއި އިންސާފު، އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ ރައްޔިތަކަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި ވިޔަސް ޔާމީންގެ ހައްގުތައް ވެސް ދަނީ ނިގުޅައިގަންނަމުންނެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުވައި ޔާމީން އެކަނި ޖަލަށް ލައިގެން އުޅުމަކީ ވެސް ސަރުކާރުން އެމަނިކުފާނާ ދޭތެރޭގައި ނުހައްގުން އަމަލުކުރަމުންދާ ކަމެއް ކަން ހާމަވާ ކަމަށް ވެސް ވަކީލުން ވިދާޅުވެ އެވެ.