ކ. ހިންމަފުށީ ކައިރީގައި އޮތް ފިނޮޅަކަށް އަރައި އެތަން ނައްތާލަން ކުރި މަސައްކަތުގައި ބައިވެރިވި ގިލިލަންކަންފުށި ރިސޯޓުގެ ޖެނަރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް ރާއްޖެއިން ފުރުން މަނާކޮށްފި އެވެ.
މިދިޔަ ބުރާސްފަތު ދުވަހުގެ ރޭ ގިލިލަންކަންފުށި ރިސޯޓުގެ ޖީއެމްއާ އެކު ބައެއް މުވައްޒަފުން ވަނީ ހިންމަފުށީ ކައިރީގައި އޮތް ފިނޮޅަކަށް އަރައި އެތަން ނައްތާލުމަށް ކޯރު ކަނޑަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ހިންމަފުށީ ރައްޔިތުން ވަނީ ފުލުހުންނާ އެކު އެ ފިނޮޅަށް އަރައި އެކަން ހުއްޓުވާފަ އެވެ.
ފުލުހުން ބުނީ ހިންމަފުށީ ކައިރީ އޮންނަ ފިނޮޅެއްގައި ކޯރު ކެނޑި މައްސަލައާ ގުޅިގެން ގިލިލަންކަން ފުށި ރިސޯޓްގެ ޖެނަރަލް މެނޭޖަރު ފުރުން މަނާކުރުމުގެ އަމުރަކަށް އެދުނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ އަމުރު ލިބުމާ އެކު، ކަމާ ގުޅުން ހުރި މުއައްސަސާތަކަށް އެކަން އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފިނޮޅު ނައްތާލުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓުވަން ދިޔަ އެ ރަށުގެ ގެސްޓްހައުސްގެ އިސް ވެރިއެއް ކަމަށްވާ މުހައްމަދު އިމްތިޔާޒް ވިދާޅުވި ގޮތުގައި އެ މީހުން އެކަން ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އަދި އަދި އެކަން ކުރަނީ ހިންމަފުށީ ރައްޔިތުން އެ ފިނޮޅަށް ޕިކްނިކް ގޮސް އުޅޭތީ އެކަމާ ހިތްހަމަނުޖެހިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ގިލިލަންކަންފުށީގެ ވޯޓާ ވިލާތަކުގައި ތިބޭ މީހުންނަށް ފިނޮޅު ވަރަށް ރީތިކޮށް ފެންނާނެ. އެހެންވެގެން ކަމަށް ބެލެވެނީ އެހެން ހެދީ. އަސްލު މިކަން ކުރީ ކީއްވެ ކަމެއް އެހީމަ ވެސް ޖީއެމް ވިދާޅެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ދިޔަވަރު ހިކިފައި އޮންނަ އިރު އެ ފިނޮޅުގެ ދިގުމުގައި ގާތްގަނޑަކަށް 200 ފޫޓް ހުރެ އެވެ. އެތަން ނައްތާލަން އުޅެނިކޮށް ހިންމަފުށީގެ ބައެއް މީހުން ދިޔަ އިރު ތިން ސަރަހައްދަކުން އޭރު ވެސް ކޯރު ކަނޑާފައި އޮތް ކަމަށް، މަންޒަރު ދުށް މީހުން ބުނެ އެވެ.