ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޝަރުއީ މަރުހަލާތަކުގެ ތެރެއިން އިންސާފު ލިބޭ ކަމަށް އަދިވެސް ގަބޫލުކުރާ ކަމަށާއި ހައި ކޯޓުގެ އިއްޔެގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ރޭ ބުނެފި އެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ނޮވެމްބަރު 28، 2019 ގައި އިއްވި ފަސް އަހަރުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވެސް އިއްޔެ ވަނީ ދަށުގެ ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.

އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތުހުމަތު ކުރެއްވި ގޮތުގައި، އެއީ މި ސަރުކާރުން ނުފޫޒު ފޯރުވައިގެން ސިޔާސީ ގޮތުން ޔާމީނަށް އަނިޔާކުރަން އިއްވާފައިވާ ހުކުމެކެވެ. ސަރުކާރުގެ އަނިޔާވެރިކަން އިންތިހާ އަށް ގޮސްފައި އޮތްކަން ރައްޔިތުންނަށް އެ ހުކުމުން އެނގިއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ މައްޗަށް އިއްވާފައިވަނީ "ބާތިލް" ހުކުމެއް ކަމަށެވެ. މި ސަރުކާރު އޮއްވައި އިންސާފު ލިބިދާނެ ކަމާ މެދު އެއްވެސް އުއްމީދެއް ނެތް ކަމަށާއި ހައި ކޯޓުން ހުކުމް ކޮށްފައިވަނީ ވެސް މައްސަލަ ހުށަހެޅިތާ އެތައް ދުވަހެއް ފަހުން ކަމަށް ވިދާޅުވި އެވެ.

އެކަމަކު އޭގެ ފަހުން އޭނާ ވިދާޅުވީ ޝަރުއީ މަރުހަލާގެ ތެރެއިން އިންސާފު ލިބޭނެ ކަމަށް އަދިވެސް ގަބޫލުކުރައްވާ ކަމަށެވެ.

"އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް. ނަމަވެސް މި ސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނައަޅާފައި ގޮސް ހުރީމާ އިންސާފު ލިބުމުގައި ދަތިތަކެއް އެބަހުރި،" އިދިކޮޅު ކޯލިޝަންގައި މި ވަގުތު އިސްކޮށް ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޔާމީން މިނިވަންކުރުމުގެ ހަރަކާތްތައް ވަރުގަދަކުރާނެ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، މި ސަރުކާރު ޒިންމާދާރުކުރެވޭނީ މަގުމަތީގެ ހަރަކާތްތައް އިތުރުކޮށްގެންނެވެ. މި ސަރުކާރަށް ޖެހޭނީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޔާމީނަށް އިންސާފު ދޭށެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ހުކުމްކުރީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ އެއް މިިލިއަން ޑޮލަރު ދެ ފަހަރެއްގެ މަތިން އެސްއޯއެފް ކިޔާ ކުންފުންޏެއްގެ އެކައުންޓެއް މެދުވެރިކޮށް ޔާމީންގެ އެކައުންޓަކަށް ޖަމާވި ކަމަށް ބުނެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އިންވެސްޓްކޮށް، އެ ފައިސާގެ އަސްލު އޮޅުވައިލީ ކަމަށް ޔާމީންގެ މައްޗަށް ކުރި ދައުވާގައިވެ އެވެ.