އިންޑިއާ އިން ކޮވިޑް-19 ވެކްސިން އެންމެ ފުރަތަމަ ދޭ ގައުމަކީ ދިވެހިރާއްޖެ ކަމަށާއި ވެކްސިން ޝިޕްމަންޓް މާދަމާ ރާއްޖެ ގެންނާނެ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
މިކަމާ ބެހޭ ގޮތުން ރާއްޖޭގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ވާހަކަ ދައްކާފައެއް ނުވެ އެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރާއްޖެ އަށް ފޮނުވަނީ އިންޑިއާގައި ވެސް ހުއްދަ ދީފައިވާ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިނެވެ. މިއީ އިންޑިއާގައި އުފައްދާ، އެކަމަކު ސީދާ އިންޑިއާގެ ވެކްސިނެއް ނޫނެވެ. މިއީ އިންޑިއާ އާއި ވަރަށް ގިނަ ގައުމުތަކުގައި ހުއްދަ ދީ މިހާރު ޖަހަން ފަށާފައިވާ ވެކްސިނެކެވެ.
އިންޑިއާ އިން އެ ގައުމުގެ އަމިއްލަ ވެކްސިނެއްގެ ގޮތުގައި ބާރަތު ބަޔޯޓެކް ކުންފުނިން އުފައްދާފައިވާ "ކޮވެކްސިން" އަށް ވެސް ވަނީ ހުއްދަ ދީފަ އެވެ. ނަމަވެސް މި ވެކްސިނާ ބެހޭ މައުލޫމާތު ހާމަކޮށްފައި ނުވާތީ އޭގެ ރައްކާތެރިކަމާ ބެހޭ ގޮތުން ތަޖުރިބާކާރުން އަންނަނީ ސުވާލު އުދައްދަމުންނެވެ.
ކޮވިޝީލްޑް ވެކްސިނަކީ ކޮވިޑުން ރައްކާތެރިކޮށްދިނުމުގެ ގާބިލްކަން 62-90 ޕަސެންޓަށް ހުންނަ އަދި އާންމު ވެކްސިންތައް ގެންގުޅޭ ފިނިހޫނުމިނުގައި ގެންގުޅެވޭ ވެކްސިނެކެވެ. ރާއްޖޭ ސަރުކާރުން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފައިވަނީ މި ވެކްސިން ހޯދުމަށެވެ.
މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވެކްސިން ޝިޕްމަންޓް ރާއްޖެއަށް ގެންނަނީ އެއާ އިންޑިއާގެ މަތިންދާބޯޓެއްގައި މާދަމާ މެންދުރު ފަހު 2:00 ހާއިރު އެވެ. އިންޑިއާ އިން މިވަގުތު އެއްވެސް ގައުމަކަށް ވެކްސިން ނުފޮނުވާ ސީދާ އެ ގައުމުގައި ވެކްސިން ދެމުން އަންނައިރު ރާއްޖެ އަށް ވެކްސިން ފޮނުވަނީ ހާއްސަ އެހީއެއްގެ ގޮތުގައި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ. ކޮވިޑާ ދެކޮޅަށް ރާއްޖޭގައި މަސައްކަތްކުރާ ފްރަންޓްލައިން މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ފުދޭ ވަރަށް ވެކްސިން ފޮނުވާނެ ކަމަށް ވެސް ނޫސްތަކުން ބުންޏެވެ.
އިންޑިއާގެ މީޑިއާ އިން ވެސް މި ވާހަކަ ރިޕޯޓްކޮށްފައިވަނީ ރަސްމީ އެއްވެސް ފަރާތަކާ ހަވާލާ ނުދީ އެވެ.
އިންޑިއާ އިން ވަރަށް އަވަހަށް ރާއްޖެ އަށް ކޮވިޑް ވެކްސިން ދޭނެ ކަމަށް، ރާއްޖެ އަށް އިންޑިއާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރް އާދީއްތަ ދުވަހު ވަނީ ވިދާޅުވެފަ އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އެޗްޕީއޭ އިން މިހާރު ވަނީ ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށުމަށް، ވެކްސިނަށް މީހުން ރަޖިސްޓްރީކުރުމުގެ މަސައްކަތް ފަށައިފަ އެވެ. ރާއްޖޭގައި ބޭނުންކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަބަދުވެސް ހުއްދަ ދެނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭ ވެކްސިންތަކަށެވެ.