ފިލްމީ ކެރިއަރު އެންމެ އުހުގައި އޮއްވައި އެންމެ 24 އަހަރުގައި ކައިވެނިކުރަން ނިންމުމުން އެކަމާ ބައްޕަ ވަރަށް ބޮޑަށް ދެކޮޅު ހެދި ކަމަށާއި އެކަމަކު އެކަން ކުރަން އެންމެ ހިތްވަރު ދިން މީހަކީ މަންމަ ކަމަށް ކާޖޮލް ބުނެފި އެވެ.

ކާޖޮލް އާއި އެކްޓަރު އަޖޭ ދޭވްގަން ކައިވެނިކުރީ 1999 ގަ އެވެ. އަދި އެ ކައިވެންޏަށް ދެ ކުދިން ލިބިފައިވާ އިރު، އަޖޭ އާއި ކާޖޮލް ވެފައި ވަނީ ބޮލީވުޑްގެ ނަމޫނާ ޖޯޑަކަށެވެ. ދެ މީހުންގެ ގުޅުމުގައި މިހާތަނަށް އެއްވެސް ކަހަލަ ކުންޏެއް ޖެހިފައި ނުވާ އިރު، ކައިވެނިކޮށް ދަރިން ލިބުނު ފަހުން ވެސް ދެ ތަރިންގެ ފިލްމީ ކެރިއަރު ވެސް ކާމިޔާބެވެ.

ކާޖޮލް، 46، އަކީ ކުރީގެ ބަތަލާ ތަނޫޖާ އާއި ޑައިރެކްޓަރު ޝޯމޫ މުކަރްޖީގެ ދެ އަންހެން ދަރިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ދެން ހުންނަނީ ބަތަލާ ތަނީޝާ މުކަރްޖީ، 42، އެވެ. ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ނުހޯދު ތަނީޝާ އަދި ކައިވެންޏެއް ވެސް ނުކުރެ އެވެ.

މިޑް-ޑޭ އަށް ދިން އިންޓަވިއުއެއްގައި ކާޖޮލް ބުނީ 24 އަހަރު ކައިވެނި ނުކުރަން ބައްޕަ އެދުނީ ޕްރޮފެޝަނަލް ކެރިއަރައިގެން ކުރިއަށް ދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ. ކާޖޮލް ބޮލީވުޑަށް ނުކުތީ މަންމަ ތަނޫޖާ ވެސް ރޯލެއް ކުޅުނު 1992 ގެ "ބޭޚުދީ" އިންނެވެ. އެއަށް ފަހު ކާޖޮލްވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ހޯދި ބަތަލާއަކަށެވެ.

"ބައްޕަ ވަރަށް އެދުނު ކެރިއަރުގެ އެހާ ކުރީކޮޅުގައި ކައިވެނި ނުކުރަން. އެކަމަކު އެ މައްސަލާގައި އަހަރެންގެ އެންމެ ބޮޑު ސަޕޯޓަކީ މަންމަ. މަންމަ ހިތްވަރުދިންލެއް ބޮޑުކަމުން ކައިވެނިކުރަން ނިންމީ،" ކާޖޮލް ބުންޏެވެ. "އަދި އެކަމަކީ ސީދާ އަހަރެން އަމިއްލަ އަށް ވެސް ބޭނުންވެގެން ނިންމި ނިންމުމެއް. ކައިވެނިކުރަން ނިންމީމަ ރުޅި އައިސްގެން ބައްޕަ ހަތަރު ވަރަކަށް ދުވަހު އަހަންނާ ވާހަކަ ވެސް ނުދައްކައި ހުރި."

ބޮލީވުޑްގެ ބަތަލާއިންނަކީ ކުރިން އާންމުކޮށް އުމުރުން ތަސްކޮޅެއް ދުވަސްވުމުން ނޫނީ ކައިވެނި ނުކުރާ ބައެކެވެ. ހާއްސަކޮށް ކާޖޮލް ފިލްމީ ދާއިރާ އަށް ނުކުތް ދުވަސްވަރަށް ބަލާ އިރު އެކަން އޮތީ އެހެންނެވެ. އެކަމަކު އެ އުސޫލު މިހާރު ބޮލީވުޑްގައި ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ.

"ކައިވެނިކުރަން ނިންމީމަ ރުޅި އައިސްގެން ބައްޕަ ހަތަރު ވަރަކަށް ދުވަހު އަހަންނާ ވާހަކަ ވެސް ނުދައްކައި ހުރި."

ކުރިން މަޝްހޫރު ބަތަލާއަކު ކައިވެނިކޮށްފި ނަމަ ފިލްމެއްގެ ލީޑް ރޯލު ކުޅޭކަށް ވެސް ނުލިބި، ކުރާނެ މަސައްކަތެއް ނެތި ގޭގައި އިންނަން މަޖުބޫރުވެ އެވެ. އެކަމަކު މިހާރުގެ ބަތަލާއިންނަކީ އެންމެ ޒުވާން އުމުރުގައި ކައިވެނިކޮށް ކެރިއަރު ވެސް ބިނާކުރަމުން އަންނަ ބައެކެވެ. އޭގެ ކިތަންމެ މިސާލެއް މިހާރު ފެންނަން އެބަހުއްޓެވެ.

ކާޖޮލް ބުނި ގޮތުގައި 24 އަހަރުގައި އަދި ކެރިއެރުގެ ވަރަށް ކުރީކޮޅުގައި ކައިވެނިކުރުމަކީ އޭނާ އެއްވެސް ވަރަކަށް ޖެހިލުންވި ކަމެއް ނޫނެވެ. އަދި އެކަން ކުރީ ބަޔަކު ކިޔާފާނެ އެއްޗަކާއި ދެކޭނެ ގޮތަކާ ދޭތެރޭ ވެސް ފަރުވާލެއް ނުބަހައްޓައި ކަމަށް ބުންޏެވެ.

"އޭރު ވެސް އަހަންނަށް އެނގޭ އަހަރެންގެ ހަޔާތް ބައްޓަންކުރާނެ ގޮތް. މިހާރު އުފާ ވެސް ކުރަން އެންމެ ޒުވާން އުމުރުގައި ކައިވެނިކުރެވުނީތީ." ދޮށީ އަންހެން ދަރިފުޅަށް މި އަހަރު 18 އަހަރު ފުރޭ ބަތަލާ ބުންޏެވެ.

ކާޖޮލް ބުނީ އަޖޭއާ ކައިވެނިކުރީ ރައްޓެހިވެގެން އުޅޭތާ ހަތަރު އަހަރު ފަހުން ކަމަށާއި އެ ދެ މީހުންގެ ގުޅުމާ ދޭތެރޭ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދެ ފަރާތުގެ އާއިލާ އިން ވަރަށް ގަބޫލު ކަމަށެވެ.

ކާޖޮލް އާއި އަޖޭ ދިމާވެ، ލޯބީގެ ގުޅުމެއް ފެށުނީ ދެ ތަރިން އެކީގައި ކުޅުނު 1995 ގެ ފިލްމު "ހަލްޗަލް" ގެ ސެޓުންނެވެ.

"އޭރު އަހަރެން އެހެން މީހަކާ ރައްޓެހިވެގެން އުޅުނީ ވެސް. ސެޓުން ފުރަތަމަ އަޖޭ ފެނުނު ދުވަހު އޭނަ އަށް ވަރަށް ޖެއްސުންކޮށްފައި އަހަރެން އުޅުނީ. އަދި އެ ޝަކުވާ އޭނަ އަހަރެންގެ ލޯބިވެރިޔާއާ ހަމައަށް ވެސް ގެންދިޔަ،" ވަރަށް މަޖާ މިޒާޖެއްގެ ބަތަލާ ބުންޏެވެ. "އަޖޭ ފަހުންވީ އަހަންނަށް ވަރަށް ކަމުދާ މީހަކަށް. އަދި ދެ މީހުންގެ މެދުގައި ހާއްސަ ގުޅުމެއް އުފެދި، އެއީ ލޯބިކަން ކަށަވަރުވި. އަޖޭގެ އެންމެ ހާއްސަ ސިފަ އަކީ ވަރަށް ބަސްމަދު އެކަމަކު ވަރަށް ލާނެއް މީހަކަށްވުން."

"ހަލްޗަލް" ގެ ފަހުން ވެސް ކާޖޮލް އާއި އަޖޭ އެކީގައި ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅުނެވެ. އޭގެ ތެރޭގައި "ޕިޔާރު ތޯ ހޯނާ ހީތާ" އާއި "ދިލް ކިޔާ ކަރޭ" އަދި "ޔޫ މީ އޯރް ހަމް" ފަދަ ފިލްމުތައް ހިމެނެ އެވެ. ދެ ތަރިން އެކީގައި އެންމެ ފަހުން ކުޅުނީ މިދިޔަ އަހަރުގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" އެވެ.

ހިންދީ ސިނަމާގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) އާއި ކުޗް ކުޗް ހޯތާ ހޭ އާއި ކަބީ ޚުޝީ ކަބީ ޢަމް އާއި ބާޒީގަރް އަދި ފަނާ ފަދަ އެތައް ފިލްމެއް ކުޅުނު ކާޖޮލްގެ އެންމެ ފަހުގެ ފިލްމަކީ ހުކުރު ދުވަހު ނެޓްފްލިކްސް ޕްރިމިއާކުރި "ތުރިބާންގާ" އެވެ.