ގއ. މާމެންދޫގައި މަގުމަތިވި އުމުރުން ދުވަސްވީ އަލިފުތު ބަލައިދޭނެ މީހަކު ނުވުމުން އެންމެ ފަހުން ދައުލަތުން ހަވާލުވެއްޖެ އެވެ.
އެ ރަށު ކައުންސިލްގެ މެމްބަރަކު މިއަދު ވިދާޅުވީ، އުމުރުން 80 އަހަރުގެ އަލިފުތު ބަލަހައްޓައިދޭނެ މީހަކު ހޯދަން މީގެ ކުރިން އިއުލާނު ކޮށްގެން ވެސް އެކަމާ އެއްވެސް މީހަކު ހަވާލުނުވި ކަމަށެވެ. އެހެންވެ، ޖެންޑާ މިނިސްޓްރީގެ މުވައްޒަފަކާއެކު، ކ. ގުރައިދޫގައި ހުންނަ މަރުކަޒަށް ގެންދިއުމަށް މިއަދު ވަނީ އޭނާ ފޮނުވާލައިފަ އެވެ.
އެ ފިރިހެންމީހާގެ އުފަން ދަރިއެއް ނުހުރެ އެވެ. އޭނާގެ އަންހެނުން މީގެ އަށް ވަރަކަށް އަހަރު ކުރިން ވަނީ މަރުވެފަ އެވެ. އޭރުން ފެށިގެން އަލިފުތު ބަލަމުން ދިޔައީ އަންހެން ދޮން ދަރިއެކެވެ. ނަމަވެސް އެ އަންހެންމީހާގެ ބަލި ހާލަތު ހުރި ގޮތުން އަލިފުތު ބެލެން ނެތުމުން އެކަން، އަލިފުތުގެ ވާރިސުންނަށް އެންގި އެވެ.
އެކަމަކު ދެ ފަރާތުގެ އާއިލާ އަށް ވެސް އަލިފުތު ބެލެން ނެތުމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޭނާ އުޅެމުން ދިޔައީ މާމެންދޫގައި ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ފުޓުބޯޅަ ދަނޑުގައި ހުރި ޗޭންޖިން ރޫމެއްގަ އެވެ.
އޭނާ އަށް އެހީތެރިވެދިނުމަށް ކައުންސިލުން ބޭރު މީހަކު ބަހައްޓާފައި ހުއްޓެވެ. ކެއުން ހަމަޖައްސައިދިނީ އަމިއްލަ މީހެކެވެ.
އަލިފުތުގެ ވާރިސުންގެ ތެރެއިން މި ވަގުތު ދުނިޔޭގައި ތިބީ އެއްބަނޑުއެއްބަފާ ދެ އަންހެނުންނެވެ. އެ ދެ މީހުންނަކީ ވެސް ސިއްހީ ހާލަތު ހުރި ގޮތުން އަލިފުތު ބެލޭނެ ބައެއް ނޫން ކަމަށް ކައުންސިލުން ބުންޏެވެ،