އުމުރުން ދުވަސްވީ ފިރިމީހާގެ އެއްވެސް ހަނދާނެއް ނެތެވެ. ވާހަކައެއް ނުދެއްކެ އެވެ. އެކަމަކު އެއްވެސް ޝަކުވާއެއް ނެތި، ފޫހިކަމެއް ނެތި، އަނބިމީހާ އޭނާއަށް ހިދުމަތްކޮށްދޭތަންވީ، ފޮޓޯގްރާފަރު ނައުޝަމް ވަހީދަށް ވަރަށް ހައިރާން ކުރަނިވި ކަމަކަށެވެ. އޭނާގެ ކެމެރާގައި ރައްކާކޮށް، ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ފޮޓޯތައް ގިނަ ބަޔަކު ޝެއާކުރީ ވެސް، އެ ލޯބީގެ މިސާލު ދައްކަމަކުންނެވެ.

"އެއީ މިހާތަނަށް ދިމާވި އެންމެ ލޯބި ދެމަފިރިން. އެ މީހުންގެ ފަރާތުން ފެނުނީ ހަމަ ޓްރޫލަވް،" ނައުޝަމް ބުންޏެވެ.

ލ. އަތޮޅުގައި، އުމުރުން ދުވަސްވީ މީހުންގެ ފޮޓޯ ނަގަމުން ގޮސް، ނައުޝަމްގެ ކެމެރާއަށް އެ މީހުން އެރީ، ފިރިހެން މީހާއަށް އޭނާގެ އަނބިމީހާ ކާންދޭން އިން މަންޒަރު ފެނިގެންނެވެ. އުމުރުން ދުވަސްވެ، ލޯބޯކޮށިވެފައި ވީ ނަމަވެސް އޭނާއަށް ފެނުނީ އިންތިހާ ދަރަޖައިގެ ލޯތްބާއި އޯގާތެރިކަމެވެ. އެ ދެމެފިރިންގެ ނަމާއި ރަށް، އެ މީހުންގެ އެދުމުގެ މަތިން ނައުޝާމް ސިއްރުކުރި ނަމަވެސް އެ މީހުންގެ ވާހަކަ އޭނާ ހިއްސާކުރީ ވަރަށް އާދަޔާހިލާފު ވާހަކައެއްގެ ގޮތުގަ އެވެ.

އެ ދެމަފިރިންގެ ކައިވެންޏަށް 50 އަހަރަށް ވުރެ ގިނަ ދުވަސްވީ އިރު، މިހާރު ފިރިހެން މީހާގެ އުމުރުން 95 އަހަރު ވެއްޖެ އެވެ. އަންހެން މީހާގެ އުމުރަކީ 64 އަހަރެވެ. އުމުރުގެ ވަރަށް ބޮޑު ތަފާތެކެވެ.

މީގެ ހަތް އަހަރު ކުރިން ފިރިހެން މީހާގެ ސިކުނޑިއަށް ލިބުނު ގެއްލުމުގައި ހަނދާންތައް ގެއްލިފައިވާއިރު މިހާރު ވާހަކަ ވެސް ނުދެއްކެ އެވެ. އެކަމަކު ކޮންމެ ދުވަހަކު ވެސް ފިރިމީހާގެ ކަންކަން، އެއްވެސް ފޫހިކަމެއް ނެތި ކޮށްދެނީ އޭނާގެ އަނބިމީހާ އެވެ.

"އޭނާއަށް ކާންދެނީ ވެސް އަހަރެން. ފެންވަރުވައި ސާފުކޮށްދެނީ ވެސް އަހަރެން،" ނައުޝަމް ގާތު، އަންހެން މީހާ ބުނެފައި ވެ އެވެ.

ކައިރީގައި ފިރިހެން މީހާ ބައިންދައިގެން، އޭނާގެ އަތުގައި ހިފާލައިގެން އިނދެ، އަންހެން މީހާ ލަވަ ކިޔައިދެ އެވެ. އެ ލަވަތަކުގައި ހުންނަނީ އެ މީހުންގެ ވާހަކަ އެވެ. އެންމެ ޒުވާން ދުވަސްވަރުގެ ލޯބީގެ ރީތި ވާހަކަ ތަކެވެ.

އަންހެން މީހާގެ އަތުން އޭނާގެ ފިރިމީހާއަށް ފެން ދެނީ: މިއީ މި ޒަމާނުގައި ނުފެންނަ ފަދަ ލޯތްބެއް ކަމަށް ފޮޓޯގްރާފަރު ބުނޭ
އަންހެން މީހާގެ އަތުން އޭނާގެ ފިރިމީހާއަށް ފެން ދެނީ: މިއީ މި ޒަމާނުގައި ނުފެންނަ ފަދަ ލޯތްބެއް ކަމަށް ފޮޓޯގްރާފަރު ބުނޭ

ނައުޝަމް ބުނި ގޮތުގައި ކެމެރާއަށް ނެގި މަންޒަރުތަކުން ވަރަށް ލޯބި ވާހަކައެއް ކިޔައިދިން ނަމަވެސް، އެ މީހުންގެ ހަޔާތުގެ ދަތުރު އެހާ އޮމާނެއް ނޫނެވެ. އެއީ އަންހެން މީހާގެ ފުރަތަމަ ކައިވެންޏަށް ވީ ނަމަވެސް، އޭގެ ކުރިން ފިރިހެން މީހާ ވަނީ، އަންހެން މީހާގެ ބަހުން ނަމަ "ފަންސާހަށް ވުރެ ގިނަ ކައިވެނިކޮށްފަ" އެވެ. އެކަމަކު ފިރިހެން މީހާގެ ކައިވެނިކުރުމުގެ "ކުޅިވަރު" ހުއްޓުނީ އަންހެން މީހާއާ ހަމައިން ކަމަށް އޭނާ ބުނެ އެވެ.

ޖެހޭ ކުދިކުދި މައްސަލަތަކުގައި އެ ދެމަފިރިން މީގެ ކުރިން ވަނީ ހަތް ފަހަރު ވަރިވެފަ އެވެ. އެކަމަކު ކޮންމެ ފަހަރަކު ވެސް އެ ދެމީހުން ގުޅުވަނީ، ހިތުގައި އޮތް ސާފު ލޯތްބާއި އިހުތިރާމް ކަމަށް، އަންހެން މީހާ ކިޔައިދިނެވެ.

އުމުރުން ދުވަސްވެ، ފިރިހެން މީހާގެ ހަނދާނުގެ ބައި ފޮހެވުނު ނަމަވެސް އަންހެން މީހާގެ ފަރާތުން ފެނުނީ ލޯތްބާއި ކެއްތެރިކަން ކަމަށް ނައުޝަމް ބުނޭ
އުމުރުން ދުވަސްވެ، ފިރިހެން މީހާގެ ހަނދާނުގެ ބައި ފޮހެވުނު ނަމަވެސް އަންހެން މީހާގެ ފަރާތުން ފެނުނީ ލޯތްބާއި ކެއްތެރިކަން ކަމަށް ނައުޝަމް ބުނޭ

އެ ދެމަފިރިންގެ ހަތް ކުދިން ދުނިޔޭގައި ތިބި އިރު، އެ ހުރިހާ ކުދިން ވެސް ދިރިއުޅެނީ އެ ރަށުގަ އެވެ. ބައެއް ކުދިން އެ ގޭގައި ވެސް އުޅެ އެވެ. އެކަމަކު، އަންހެން މީހާ، އޭނާގެ ފިރިމީހާގެ ކަންކަން ކުރުވަނީ ދަރިންނަށް އެކަމުގެ އުނދަގޫ ނުޖައްސަ އެވެ. އޭނާގެ މަގްސަދަކީ، ތެދުވެ އުޅެވޭހާ ހިނދަކު ފިރިމީހާއަށް ހިދުމަތް ކޮށްދިނުމެވެ.

"އޭނާއަކަށް މިހާރަކު ނޭނގޭ އަހަންނަކީ ކާކުކަމެއް. އަހަރުމެން އެކުގައި އުޅުން ދުވަސްތައް ހަނދާނެއް ނުވޭ. އެކަމަކު އަހަރެން އޭނާ ދެކެވާ ލޯތްބަށް އެއްވެސް ބަދަލެއް ނާދޭ،" އެ އަންހެން މީހާ ކިޔައިދިނެވެ.

ނައުޝަމް ނަގާފައިވާ ދެމަފިރިންގެ ފޮޓޯއެއް
ނައުޝަމް ނަގާފައިވާ ދެމަފިރިންގެ ފޮޓޯއެއް

ނައުޝަމް ބުނިގޮތުގައި އެ ގޭގައި އޭނާ ހޭދަކުރި ދެ ގަޑިއިރެއްހާއިރުގެ ތެރޭގައި އެ ދެމަފިރިންގެ ފަރާތުން ފެނުނީ އިންތިހާ ދަރަޖައިގެ ލޯތްބާއި އަޅާލުމެވެ. އެއީ، މި ޒަމާނުގައި، ވަރަށް އާދަޔާހިލާފު މަންޒަރެއް ކަމަށް އޭނާ ބުންޏެވެ.