އިންޑިއާ އާއި ރާއްޖެއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށި ފަހުން އެ ގައުމުން ކުޅުދުފުއްޓަށް ގެންނަ މުދަލުގެ އަދަދު އިތުރުވަމުން އަންނަ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާއިން ކުޅުދުފުއްޓަށް ދެން އަންނަ ބޯޓުގައި 700 ޓަނުގެ މުދާ ގެންނާނެ ކަމަށެވެ. އަދި މިއީ ކުރީ ފަހަރާ އަޅާ ބަލާއިރު ގިނަ އަދަދެއް ކަމަށާއި ކޮންމެ ދަތުރަކު މުދާ ގެންނަ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.
"މިހާރު" އަށް އަމްރު ވިދާޅުވީ އިންޑިއާ އާއި ކުޅުދުއްފުއްޓާ ދެމެދު ކާގޯ ދަތުރުތައް ފެށުމުން އެ ސަރަހައްދުގެ ގިނަ ވިޔަފާރިވެރިން މާލެއިން މުދާ ގެނައުމުގެ ބަދަލުގައި އިންޑިއާއިން މުދާ ގެންނަން އެދުނު ކަމަށެވެ. އަދި އެ ވިޔަފާރިވެރިންނަށް މުދާ ގެންނަން ބޭނުންވާ އިންޑިއާގެ ސަޕްލަޔަރުން ހޯދުމަށް އެސްޓީއޯއިން އެހީވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ ދަތުރުތައް ފެށީމަ ވެސް އެ ސަރަހައްދުގެ ގިނަ ވިޔަފާރިވެރިން މުދާ ގެންނަން ރިކުއެސްޓް ކުރަމުން އައި. އެކަމަށް ބޭނުންވާ ސަޕްލަޔަރުން ހޯދައިދިނުމުގައި އަޅުގަނޑުމެން އެހީވިން. މިއާއެކު މިހާރު މާލެއިން އެ ރަށަށް މުދާ ގެންދިއުން ދަށްވެ އިންޑިއާއިން މުދާ ގެނައުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައި،" އަމްރު ވިދާޅުވި އެވެ.
އަމްރު ވިދާޅުވިގޮތުގައި ކުޅުދުއްފުށީގެ އިތުރުން އައް ޑުއާއި ތިނަދު އަށް ވެސް އިންޑިއާއިން މުދާ ގެނައުން ވަނީ އިތުރުވެފަ އެވެ. އައްޑު އާއި ތިނަދު އަށް ކާގޯ ފެރީގެ ހިދުމަތް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އަދި މިހާރު ދެވަނަ ދަތުރު ފަށާއިވާއިރު އެ ބޯޓު ވެސް ރާއްޖެ އަންނަނީ ފުލް ކޮށް ކަމަށް އަމްރު ވިދާޅުވި އެވެ.
އިންޑިއާ އާއި އައްޑޫ އަދި ތިނަދުއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ދެނީ ރާއްޖޭގެ ގައުމީ ޝިޕިން ލައިން، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިންނެވެ.