މި އަހަރުގެ ތެރޭގައި ފެށި ބައެއް މަޝްރޫއުތައް މި ވަގުތު ހުއްޓާލައިފައި ވީ ނަމަވެސް މިހާރު ވެސް 560 މަޝްރޫއެއް އެބަ ހިނގާ ކަމަށާއި އެ އަދަދު އަންނަ އަހަރު އިތުރުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓަކީ 27 ބިލިއަން ރުފިޔާ ކަމަށާއި އަންނަ އަހަރަކީ، ހިންގާ މަޝްރޫއުތަކުގެ އަދަދު ފަހަނައަޅާ ދާނެ އަހަރެއް ކަމަށެވެ.
"އަންނަ އަހަރު 27،000 މިލިއަން ރުފިޔާގެ ބަޖެޓެއް ހިފައިގެން މި ނުކުންނަނީ ގަނޑުވަރުތަކެއް އަޅާކަށް ނޫން. މި ނުކުންނަނީ ރައްޔިތުންގެ ހިދުމަތުގައި. ފާހާނާ ނިޒާމާއި ސާފު ބޯފެނާއި ސަހަރާތައް ހަދައިދިނުމާއި ސްކޫލްތައް އިމާރާތްކުރުމާއި ބަނދަރުތައް ހަދައިދޭން އަޅުގަނޑުމެން މިނުކުންނަނީ،" ވަރަށް ޖޯޝްގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ދިރުމެއް އޮތް ތަނެއް ކަމަށާއި ބޭރުގެ ފަރާތްތަކުގެ ޝައުގުވެރިކަން އޮތްތަނެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
"ދިވެހިރާއްޖޭގައި ސިޔާސީ މައްސަލަތަކެއް ހުރިއިރު ވެސް ރާއްޖެ އަންނަ ފަތުރުވެރިން މަދެއް ނުވޭ. ދިވެހިރާއްޖޭގައި އިންވެސްޓްކުރަންވެގެން ޝައުގުވެރިކަން ހުންނަ ބޭރުގެ ބޮޑެތި ފަރާތްތަކުގެ ޝައުގުވެރިކަމަށް ބަދަލެއް ނާދޭ،" ރައީސް ވިދާޅުވި އެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އާ ބޭންކުތަކެއް ހުޅުވަމުން އަންނަ ކަމަށާއި ބިޔަ ބޮޑެތި މަޝްރޫއުތަކެއް ވެސް ފެށެމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން އައީ ދިވެހިރާއްޖޭގައި ހުރި ބޮޑެތި ކަންކަމާ ހަނގާކުރަން. އަޅުގަނޑުމެން އައީ ސިޔާސީ ލީޑަރުންނާ ވާދަކުރާކަށް ނޫން. އަޅުގަނޑުމެން އައީ ދިވެހިރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެސްދެވޭތޯ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެންމެ ގިނައިން އެދެމުން އަންނަނީ އެ ދާއިރާގެ ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ބޮޑެތި މަޝްރޫއުތަކެއް ހިންގާނެކަން ކޮންމެ ރައްޔިތަކަށް ވެސް މިހާރު އެނގޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އުމުރުން ދުވަސްވީ މީހުންނާ މުހާތަބުކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެ މީހުންނަށް ދޭ އިނާޔަތަކީ 5،000 ރުފިޔާއިން 7،000 ރުފިޔާ އަށް ބޮޑުކޮށްދެއްވޭނެ އަދަދެއް ކަމަށާއި އެހެން ކަމުން ސަރުކާރާއެކު ސާބިތުވެ ތިބެން ޖެހޭނެ ކަމަށެވެ.