ވަރަށް ލޯބި ޖޯޑެއް ގޮތުގައި ފެނުނު އެމެރިކާގެ އެކްޓަރު، ޖޯނީ ޑެޕް އާއި އޭނާގެ ކުރީގެ އަންހެނުން އަދި އެކްޓްރެސް އެމްބާ ހާޑްގެ ކައިވެނި ރޫޅި، އެއަށް ވުރެ މާ ބޮޑު ޑްރާމާއެއް އޮތީ ފެށިފަ އެވެ؛ ޑެޕް މަސައްކަތް ކުރަމުން ދިޔަ ވޯނާ ބްރަދާސްގެ ފްރެންޗައިޒް ފިލްމު ސީރީޒް "ފެންޓާސްޓިކް ބީސްޓްސް" އިން އޭނާ ވަކިކުރުމުން، ފޭނުން ވަނީ ރުޅިގަދަވެފަ އެވެ. ފޭނުންގެ ރުޅިގަނޑު އިތުރަށް ގަދަވީ، ޑެޕް ވަކިކުރި ނަމަވެސް، ވޯނާ ބްރަދާސް އިން ގެނެސްދޭ ސުޕަހީރޯ ފިލްމު "އެކުއަމޭން" ގައި ހާޑް ކުޅޭ ރޯލު އޭނާ އަތުން އަތުލައިފައި ނުވާތީ އެވެ. -- ހާޑް އަތުން އެ ރޯލު އަތުލުމަށްޓަކައި ސޯޝަލް މީޑިއާގައި ހިންގާ ވަރުގަދަ ކެމްޕެއިންގެ ތެރެއިން އެކުލަވައިލި ޕެޓިޝަނަށް މިހާރު ވަނީ 1.5 މިލިއަން ސޮއި ލިބިފަ އެވެ.

"ފެންޓާސްޓިކް ބީސްޓްސް" ގައި ޑެޕް ކުޅުނު ރޯލު މިހާރު ވަނީ ޑެނިޝް އެކްޓަރު، މެޑްސް މިކެލްސެން އަށް ދީފަ އެވެ.

ޑީސީ އެންޓަޓެއިންމަންޓާއި ވޯނާ ބްރަދާސް އަށް އެޑްރެސްކޮށް، ޖީން ލެރިސަން ކިޔާ އެމެރިކާގެ މީހަކު އެކުލަވައިލި މި ޕެޓިޝަންގެ އަމާޒަކީ 3 މިލިއަން ސޮއި ހަމަކުރުމެވެ. އަދި މި ޕެޓިޝަންގައި އެދިފައި ވަނީ "އެކުއަމޭން" ގެ ދެ ވަނަ ފިލްމުގައި ހާޑް ކުޅޭ މެރާގެ ރޯލު އޭނާގެ އަތުން އަތުލުމަށެވެ. ސަބަބެއް ކަމަށް ލިޔެފައި ވަނީ ހާޑް އަކީ ގެވެށި އަނިޔާކުރާ މީހެއްކަން "ސާބިތުވެފައިވާ" ކަމަށާއި އެފަދަ މީހަކަށް ފިލްމަކުން ފުރުސަތު ދިނުން ބަލައިނުގަނެވޭ ކަމަށެވެ. އަދި އެއީ ކުރިއަށް އޮތްތަނުގައި މުނިފޫހިފިލުވުމުގެ ދާއިރާއަށް ވެސް ލިބޭނެ ހުތުރު ނަމަކަށް ވާނެ ކަމަށެވެ.

އިނގެރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ދަ ސަން" އިން 2018 ވަނަ އަހަރު ޑެޕް އަށް ނިސްބަތްކޮށް، އޭނާ އަކީ "އަނބިމީހާއަށް އަނިޔާކުރާ މީހެއް" ކަމަށް ލިޔުނު މައްސަލާގައި، އެ ނޫސް ހިނގާ ކުންފުނި "ނިއުސް ގްރޫޕް ނިއުސްޕޭޕާ" އާ ދެކޮޅަށް ދައުވާކުރަން ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ނިމުނީ ނޮވެމްބަރު މަހު އެވެ. އެ މައްސަލަ ބެލި ފަނޑިޔާރު ވިދާޅުވެފައި ވަނީ އެ ތުހުމަތުތަކުގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކުލެވޭ ކަމަށް ފެންނަ ކަމަށެވެ. ޑެޕްގެ ރޯލު ދޫކޮށްލުމަށް ވޯނާ ބްރަދާސް އިން އޭނާއަށް އެންގީ މި ސަބަބަށްޓަކަ އެވެ. ނަމަވެސް ފޭނުން ރުޅިގަދަވީ ހާޑް އަށް ވެސް މިފަދަ ތުހުމަތުތަކެއް ކުރެވޭއިރު، އޭނާގެ ރޯލު ދޫކޮށްލަން ވޯނާ ބްރަދާސް އިން އަންގާފައި ނުވާތީ އެވެ.

ޑެޕް އާއި ހާޑްގެ ކައިވެނި ރޫޅި، އެ ގުޅުމުގެ ބިތުފަންގި ނެގިއިރު ސާފުވީ، މި އުޅެނީ އަދި އަޑި ނޭނގޭ މާ ނުބައި ކަންތައްގަނޑެއް ހިނގައިގެން ކަމެވެ. މީގެ ހަތަރު އަހަރު ކުރިން ޑެޕް ގާތުން ވަރިވުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅިއިރު، ހާޑް ތުހުމަތުކުރީ ޑެޕް އޭނާ އަށް ގެވެށިއަނިޔާކުރި ކަމަށެވެ. ކޯޓުން ބޭރުން މި މައްސަލަ ނިންމައި، އެ މީހުން ވަރިވީ 2017 ގަ އެވެ. އޭގެ ފަހުން ހަމަ އެފަދަ ތުހުމަތެއް ހާޑް އަށް ވެސް ރައްދުވި އެވެ.