ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައިވާތާ އެއް އަހަރު ދުވަސް ވާތީ އެކަމުގެ ހިތާމައިގައި އެކަން ފާހަގަކުރަން އަންނަ ހޮނިހިރު ދުވަހު، މުޅި ރާއްޖޭގައި މުޒާހަރާ ކުރަން ނިންމުމުން އިދިކޮޅު ކޯލިޝަންގެ އިސްވެރިން ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށްފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި މިހާރު ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން، ޖަލުުގައި ހުންނަވާތާ އަހަރުވާ ދުވަސް ފާހަގަ ކުރުމަށް މުޒާހަރާ ކުރާނެކަން އިދިކޮޅު، ޕީޕީއެމާއި ޕީއެންސީން އިއުލާން ކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އަދި އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް އިދިކޮޅުގެ އިސްވެރިން މިއަދު ފުލުހަށް ހާޒިރު ކުރި ނަމަވެސް، ކޯލިޝަނުގެ ނިންމުން ބަދަލެއް ނުވެ އެވެ.

"އަޅުގަނޑުމެން މުޒާހަރާ ކުރާތީ ފުލުހުން ކަންބޮޑުވޭ. އެކަމަކު މުޒާހަރާ ހުއްޓައެއް ނުލާނަން. އަންނަ ހޮނިހިރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި މުޒާހަރާ އޮންނާނެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވި އެވެ.

ފުލުހުންގެ ކަންބޮޑުވުމަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ މި ދުވަސްވަރު މި ފަދަ ހަރަކާތެއް ހިންގުމެވެ. މި ފަދަ އެއްވުންތައް ބޭއްވުމަށް ހުއްދަ ދެނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް ނަމަވެސް، ވަކި ހިސާބަކުން އެއާ އެއްގޮތަށް އަމަލެއް ނުކުރެ އެވެ.

ޝުޖާއު ވިދާޅުވީ މުޒާހަރާ ކުރުމަށް އިދިކޮޅަށް ފުރުސަތު އޮތް ނަމަވެސް ސަރުކާރު ހިންގާ އެމްޑީޕީއަށް އެކަން ކުރެވޭ ކަމަށެވެ. އިދިކޮޅުގެ އަޑު ކަނޑުވައިލުމަށް ފުލުހުން މަސައްކަތް ކުރަނީ، ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ ދައްކާތީ ކަމަށް ޝުޖާއު ތުހުމަތު ކުރެއްވި އެވެ.

ޔާމީން މިނިވަން ކުރުމަށް ގޮވާލައި ބާއްވާ މުޒާހަރާ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު، މާލޭގައި މުޒާހަރާ ކުރަނީ ކަނޑުމަތީގަ އެވެ. އިދިކޮޅުން ނިންމާފައިވަނީ، މުޒާހަރާއާ އެކު، އަންނަ މާޗު މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ވެސް ކުރިއަށް ގެންދާށެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ނޮވެމްބަރު 28، 2019 ގަ އެވެ. އެއާއެކު، މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ދައުލަތުން ވަނީ އުފުލައިފަ އެވެ. އަލަށް ކުރާ މިި ދައުވާތަކާ ގުޅިގެން މައްސަލަ އަށް ތަައްޔާރުވުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު އެ މަނިކުފާނަށް ވަނީ ދީފަ އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ޔާމީންގެ އެކައުންޓަކަށް އެ ފައިސާ ޖަމާކުރި ކަމަށް ބުނެ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވައިލި ކަމަށް ބުނެ އެވެ.