ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު މެމްބަރުން ހުށަހެޅި މައްސަލަ އޭނާއާ އެއްކޮޅަށް މިއަދު ނިންމައިފި އެވެ.
މަޖިލީހުގައި މީގެ ކުޑައިރުކޮޅެއް ކުރިން ނެގި ވޯޓުގައި އިމްރާންގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ އެންމެ 11 މެމްބަރުންނެވެ. އިމްރާންގެ އިތުބާރު ނެތްކަމަށް މަޖިލީހަށް މައްސަލަ ހުށަހަޅަން ސޮއިކުރެއްވީ ވެސް އެ މައްސަލަ ހުށަހެޅުއްވި މެމްބަރު ހިމެނޭ ގޮތުން 11 މެމްބަރުންނެވެ. އެ މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމެވެ.
އޭނާގެ މައްސަލަ ބިނާކުރެއްވީ މަރާލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ހެކި ހުރި ކަމަށް ވިދާޅުވެ އިމްރާން އިތުރުފުޅު ހައްދަވާފައިވާ ކަމުގެ ތުހުމަތާއި ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަކީ އާދައިގެ ކަމެއް ކަމަށް، މިނިސްޓަރު ދެއްކެވި ވާހަކަތަކުން ދޭހަވާ ދޭހަވުމަށެވެ.
އިމްރާން ވިދާޅުވެފައިވާ ގޮތުގައި ޖިންސީ ގޯނާގެ މައްސަލައިގައި ދެއްކެވި ވާހަކައިގައި އޭނާގެ ނިޔަތަކީ އެކަން އާދައިގެ ކަމަކަށް ހެއްދެވުމެއް ނޫނެވެ. އެ މައްސަލާގައި އާންމުންނަށް އޮޅުންއެރީ މީޑިއާ އިން ކަވަރުކުރި ގޮތުން ކަމަށް ވިދާޅުވެ، އޭނާގެ ވާހަކަތަކަށް މާފަށް ވެސް އެދިވަޑައިގަތެވެ.
އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ޖަވާބުދާރީ ވެވަަޑައިގަންނަވަން ލިބިވަޑައިގެންނެވި ފުރުސަތުގައި މިއަދުވެސް ތަކުރާރުކުރެއްވީ އެވާހަކަ އެވެ.
ޖަވާބުދާރީވެވަޑައިގަންނަވަމުން އިމްރާން ވިދާޅުވީ އޭނާއާ ދެކޮޅަށް ހުށަހެޅީ ވުޖޫދުގައި ނެތް މައްސަލައެއް އުފައްދައިގެން ކަމަށެވެ. އެެއީ ބަހަނާއެއް ކަމަށް ސިފަކުރަައްވަމުން އިމްރާން ވިދާޅުވި ގޮތުގައި އެ މައްސަލަ ހުށަހެޅުމުގެ ބޭނުމަކީ ސަރުކާރުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީ ފުރޮޅައިލުމެވެ.
"އެހެން ނަމަވެސް އިއްޒަތްތެރި ރައީސް އަޅުގަނޑު މިހުރީ ދޫދޭކަށް ނޫން." އޭނާ ވިދާޅުވި އެެވެ
އިމްރާންގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި ދިފާއުކުރައްވަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކުރިން އޮތީ ނިންމައިފަ އެވެ.