ދިވެހި ފަންނާނުންގެ މަސައްކަތްތައް ކުރިއެރުވުމަށް މީގެ ދެ އަހަރު ކުރިން އުފެއްދި، ވީޑިއޯ އާއި އޯޑިއޯއަށް ހާއްސަ މުނިފޫހިފިލުވާ އެޕް، "ބައިސްކޯފުން" އެ މީހުންގެ އަހަރީ ދުވަސް ފާހަގަކުރީ މިދިޔަ ހަފުތާގަ އެވެ. ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ވެބް ސީރީޒް "ހުވާ" އިން ފެށި މި ސްޓްރީމިން ޕްލެޓްފޯމުގައި މިހާރު ވަރަށް ގިނަ އޮރިޖިނަލް ސީރީޒްތައް ގެނެސްދެ އެވެ. މިދިޔަ އަހަރު ތެރޭގައި އެންމެ ހިނގި ވެބް ސީރީޒްތަކުގެ ތެރޭގައި އަހްމަދު އިގްބާލް (އައިކިއު) ގެ "އެހެނަސް" އާއި މުންކޮގެ "ކަރުހަކުރު" އަދި މޫމިން ފުއާދުގެ "ގަމިނި" ހިމެނެ އެވެ. މީގެ އިތުރުން ރިއަލިޓީ ޝޯތަކާއި ޑޮކިއުމެންޓްރީތަކާއި އޯޑިއޯ އަދި ވީޑިއޯ މިއުޒިކްގެ ތަފާތު އޮރިޖިނަލްތައް ވެސް ގެނެސްދީފައިވެ އެވެ.
ދެ ވަނަ އަހަރީ ދުވަހާ ދިމާކޮށް، ބައިސްކޯފުން ވަނީ ވަރަށް ގިނަ އާ އުފެއްދުންތަކެއް ވެސް ވަނީ ސްޓްރީމިންނަށް ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ރިއަލިޓީ ޝޯއަކާއި މިއުޒިކް ވީޑިއޯތައް ވެސް ހިމެނެ އެވެ.
ލަކީ
ބައިސްކޯފާއި ވީޑިއޯގްރާފާ ވިޝާލް ޒަކީ ގުޅިގެން އުފެއްދީ މި ރިއަލިޓީ ޝޯގެ ފުރަތަމަ އެޕިސޯޑް މިހާރު ސްޓްރީމް ކުރެވެ އެވެ. އާންމުން ބައިވެރިކޮށްގެން، ހަދިޔާތަކެއް ލިބޭ ގޮތަށް ކުރިއަށް ގެންދާ މި ޝޯގައި ކޮންމެ މީހަކަށް ވެސް "ލަކީ" ވުމުގެ ފުރުސަތު އޮވެ އެވެ. ކުރަންޖެހޭހާ ވެސް ކަމަކީ އެމީހުންނާ ކުޅެން ހަވާލުކުރާ ކުޑަ ގޭމަކުން މޮޅުވުމެވެ.
މޭނާ ހައްސާނުގެ "އެވޭލާ ޒަމާން"
އަހަރުތަކެއް ފަހުން، ލެޖެންޑަރީ މިއުޒީޝަން މޭނާ ހައްސާނުގެ އަލްބަމެކެވެ. "އެވޭލާ ޒަމާން" ކިޔާ، ބޮޑުބެރު ސްޓައިލްގެ ލަވަތަކެއް ހިމެނޭ މި އަލްބަމްގެ ފުރަތަމަ ހަތަރު ލަވަ މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. މިހާރު ރިލީޒްކޮށްފައިވާ ހަތަރު ލަވައަކީ "ބޮޑުބުޅަލާއި ނާދޭ"، "އީސަ ބުންޏޭ"، "ހޮޅުދޫގެ ޖެއިލްޔާ މަޖާ" އަދި "ނޫ މި ބިއްލޫރި" އެވެ. ޖުމްލަ 8 ލަވަ މި އަލްބަމްގައި ހިމެނެ އެވެ.
ހައްސާނުއާ އެކު މި އަލްބަމްގެ މަސައްކަތް ކުރި ހުސެއިން އާތިފް ބުނީ މި އަލްބަމްގައި ހިމެނޭ ލަވަތަކަކީ 80ގެ އަހަރުތަކުގައި އެމީހުން ރިސޯޓްތަކުގައި ބޮޑުބެރު ޝޯތައް ދިންއިރު އާންމުކޮށް ކިޔާ އުޅުނު ބައެއް ލަވަތައް ކަމަށެވެ. މި އަލްބަމްގެ ބާކީ ހަތަރު ލަވަ ފަހުން ރިލީޒްކުރާނެ އެވެ.
"އުނބު" އަލްބަމްގެ ފުރަތަމަ ވީޑިއޯ ލަވަ
މިއީ ދިވެހި މިއުޒިކްގެ ތަފާތު "ރަހައެއް" އަބަދު ވެސް ގެނެސްދެމުން އަންނަ، މިއުޒިކް ބޭންޑް ޑިންބާ މިއުޒިކްގެ އާ އަލްބަމް "އުނބު" ގެ ލަވައެކެވެ. ނަމަކީ "ބަދަލެއްނުވިޔޭ" އެވެ. އަދި މި އަލްބަމްގެ ލަވައަކަށް ހެދި ފުރަތަމަ ވީޑިއޯ އެވެ. ލަވަކިޔުންތެރިޔާ ހަދީޖާ މުހައްމަދު (ރިޒޫ) ގެ އަޑުން ކިޔާފައިވާ މި ލަވައިގެ ވީޑިއޯގައި ފެންނަނީ ވާޝިއާ މުހައްމަދު އާއި ރަފްހާން ޝަރީފް އެވެ.
އައްކުގެ ވީޑިއޯ ލަވައެއް
މިއީ މުހައްމަދު ނަވީން ސަލީމް (އައްކު) ގެ ފަހުގެ ލަވަ "ވާނޭ ނުވާނޭ" ގެ ވީޑިއޯ އެވެ.
ލެޑްގެ "ޑާލިން"
މިއީ އިލެކްޓްރޯނިކް މިއުޒިކް ޕްރޮޑިއުސްކޮށް އަދި ކޮމްޕޯޒްކުރާ އަހްމަދު ނަހްޒާން ރިޔާޒް (ޒާން) ނުވަތަ "ލެޑް"ގެ ލަވައެއް ކަމަށްވާ "ޑާލިން" އެވެ. މި ލަވައިގެ ޑާންސް ކަވާއެކެވެ. މީގެ ކޮރިއޯގްރެފީ އާއި ޑާންސް ޕާފޯމްކޮށްދިނީ، ޑައިނޮސިއެކްގެ ތިން އާޓިސްޓުންނެވެ.