މާލޭގައި ހުރި އެންމެ ހިތްގައިމު ބަގީޗާ "ލޮނުޒިޔާރަތް ޕާކު" މިއަދު ހުޅުވައިފި އެވެ.
ޕާކު ހުޅުވައިދެއްވީ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރެވެ. އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ނައިބު ރައީސް ފައިސަލް ނަސީމާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ އިތުރުން މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޕާކަށް ވަދެވަޑައިގަތުމުން ކުރެވެނީ އުފާވެރި ބަދަލުތަކެއްގެ އިހްސާސް ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު، 2008ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމުން އެކަމުގެ އުފާ ފާހަގަކުރުމަށް އެއްވީ މިހާރު ޕާކު ޢޮތް ލޮނުޒިޔާރަތް ސަރަހައްދަށެވެ.
"މިއީ އުއްމީދާއި ބަދަލުވުމާއި ހިތްހަމަޖެހުމާ ވަރަށް ގުޅިފައި އޮތް ތަނެއް. އޭގެ މާ ކުރިން ފެށިގެން ވެސް މާލޭގެ ލޮނުޒިޔާރަތްކޮޅަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިތްފަސޭހަ ކަމާއި ހިތްހަމަޖެހުމާ އަބަދު ވެސް ވަރަށް ގުޅިފައިވާ ތަނެއް،" ރައީސް ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ތިން އޭކަރުގެ ޕާކަށް ދައުލަތުގެ ބަޖެޓުން 16.8 މިިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮންކްރީޓް ބޮޑު ބިމެއްގައި ގަސް ފަޅުވައި ފެހި ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވިއަސް އިހުލާސްތެރިކަމާއެކު އެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެ ތަނުގައި ސެކިއުރިޓީ އާއި ބަގީޗާ ބަލަހައްޓާނެ ދިވެހިން ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ޕާކު ވެގެންދާނީ ވަޒީފާގެ ފުރުސަތު ވެސް ފަހިކޮށްދޭ ތަނަކަށް ކަމަށް ވިދާޅުވި އެވެ. ޝިފާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕާކުތައް ބެލެހެއްޓުމަށް ދިވެހިން ތަމްރީނުކޮށް މަސައްކަތަށް ނެރޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޕާކަކީ މާލެ ފެހިކުރުމުގެ މަސައްކަތުގެ ފެށުމެއް ކަމަށެވެ. މާލޭގެ މަގުތައް ހެދުމުގެ މަސައްކަތާއި ކުރިއަށް އޮތް ތަނުގައި ޕާކިން ބިލްޑިން ހަދާނީ ފެހިކަމާއި އާރޯކަން ފެންނާނެ ގޮތަށް، ގްރީން ކޮންސެޕްޓް ހިމަނައިގެންކަން ފާހަގަކުރެއްވި އެވެ.
އެ ޕާކު ތަރައްގީކޮށްފައިވަނީ އެކި މާލަންތައް ހިމަނައިގެންނެވެ. އޭގެ ތެރޭގައި މެދު ބަގީޗާ، ވަރުނުލާ ރާޅުގަނޑު، އުސްބަގީޗާ އަދި މާމެލާމެލި ހިމެނެ އެވެ. އޭނާ ވިދާޅުވީ މާމެލާމެލި ޒީނަތްތެރިކޮށްފައިވަނީ ކައިވެނި ޕާޓީތަކާއި ހާއްސަ ހަފުލާތަކަށް ހާއްސަކޮށްގެންނެވެ.
ޕާކު ތަރައްގީކުރުމުގައި އަމަލީގޮތުން މަސައްކަތްކުރެއްވި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ރާއްޖެއިން ނެތިގެންދާ ގިނަ ވައްތަރުގެ ގަސް ލޮނުޒިޔާރަތް ޕާކުގައި ހިމެނޭނެ ކަމަށެވެ. އޭގެ އިތުރުން ހިޔާކަން ލިބޭ ހިރުނދު، ނިކަ އަދި ބަނބުކެޔޮ ކަހަލަ ގަސް ހުންނާނެ ކަމަށް ވިދާޅުވި އެވެ.