ކޯޕަރޭޓް ރެސިޑެންޓް ވިސާ ދޫކުރުމުގެ ގަވައިދު ހަދައި ގެޒެޓްކުރީ 2015 ވަނަ އަަހަރު ކަމަށާއި އޭރު އެ ވިސާގައި އަންނަ ފަރާތްތަކަށް ދިން ލުއިތައް ދިނުމުގެ ވިސްނުމެއް މިހާރު ނެތް ކަމަށް ސަރުކާރުން އިއްޔެ ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ 2015 ވަނަ އަހަރު ކޯޕަރޭޓް ރެސިޑެންޓް ވިސާގެ ގަވައިދު ފުރަތަމަ ގެޒެޓްކުރުމަށްް ފަހު، "ޑިއުޓީ ފްރީ، ޓެކްސް ފްރީ، ފާސްޓް ޓްރެކް ސާވިސް" ފަދަ ކަންތައްތައް އެ ގަވައިދާ ގުޅުވައިގެން އޭރު އިޝްތިހާރުކުރި ކަމަށެވެ. އެކަމަކު ކޯޕަރޭޓް ރެސިޑެންޓްވިސާއާ ގުޅުވައިގެން އެ އިނާޔަތްތައް ދިނުމަކީ މި ސަރުކާގެ ވިސްނުމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އިމިގްރޭޝަން ގާނޫނަށް ހޯމަ ދުވަހު ގެނައި ބަދަލުގައިވާ ގޮތުން، އެ ބަދަލަށް އަމަލުކުރަން ފެށުމާ އެކު ރާއްޖޭން ކޯޕަރޭޓް ރެސިޑެންޓް ވިސާ ހޯދުން ކުރިއަށް ވުރެ މާބޮޑަށް ފަސޭހަވެގެންދާނެ އެވެ. މިހާރު އަމަލުކުރަމުން އަންނަ ގަވައިދުގައި ކޯޕަރޭޓް ރެސިޑެންޓް ވިސާ ދޫކުރާނީ ރާއްޖޭގައި އެންމެ މަދުވެގެން 50 މިލިއަން ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށެވެ. އެކަމަކު ގާނޫނަށް ގެނައި ބަދަލުގައި އެ އަދަދު ވަނީ އެންމެ 250،000 ޑޮލަރަށް ދަށްކޮށްފަަ އެވެ. އެހާ ފަސޭހައިން ކޯޕަރޭޓް ރެސިޑެންޓް ވިސާ ލިބޭ ގޮތަށް ބަދަލުކުރުމުން އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. ގާނޫނަށް އެ ބަދަލު ގެނައި ސަބަބާ މެދުގައި އިދިކޮޅުން އަންނަނީ ސުވާލު އުފައްދަމުންނެވެ.
ވެރިކަންކާ ކޯލިޝަންގެ މައި ޕާޓީ އެމްޑީީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެބަރުން ވެސް ގެންދަނީ އާ ބަދަލާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނުސީދާކޮށް އެ ވާހަކަތަކަށް ރައްްދުދީ އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުނީ ދިވެހިންގެ އިންވެސްޓްމެންޓްތަކަށް ހިޔަނިއެޅޭ ގޮތަށް ސަރުކާރުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ތައާރަފްކޮށްފައިވާ ކަމަށް ބުނެ ފަތުރާ މައުލޫމާތު ސަައްހަ ނޫން ކަަމަށެވެ. އެހެންވެ އެކަމާ ބެހޭ ސައްހަ މައުލޫމާތު އާއްމުންނާ ހިއްސާކުރަން އިލްތިމާސްކުރާ ކަމަށް ބަޔާނުގައިވެ އެވެ.
އިމިގްރޭޝަން ގާނޫނަށް ގެނައި ބަދަލުގައިވާ ގޮތުން ކޯޕަރޭޓް ވިސާ ހޯދުމަށް ރާއްޖޭގައި އިންވެސްޓްކުމުގެ ގަަވައިދު އެކުލަވައިލާނީ ރެޖިސްޓްރާ އޮފް ބިޒްނަސަސް އެވެ.