ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރާ ދަތުރުފަތުރާއި ވިޔަފާރީގެ ފުރުސަތުތައް އިތުރު ކުރަން ދެ ގައުމުން މިއަދު މަޝްވަރާ ކޮށްފި އެވެ.
މި މަޝްވަރާތައް ބޭއްވީ އިއްޔެ ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރުޝްވަރުދާން ޝްރިންގްލާ އާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ބޭއްވެވި ދެ ގައުމުގެ ރަސްމީ ވާހަކަތަކުގަ އެވެ.
ޣަފޫރާއި ޝްރިންގްލާ، ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލުވުމުގައި، ގިނަ ދާއިރާތަކަކުން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާއި އެއްބާރުލުން ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި އިގުތިސާދީ، ސިއްހީ، ޓޫރިޒަމް އަދި ކޮންސިއުލާ ދާއިރާ ހިމެނެ އެވެ.
އިގުތިސާދީ ދާއިރާއާ ގުޅޭ ގޮތުން ކުރެއްވި އެއް މަޝްވަރާ އަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމެވެ.
އިންސާނީ ވަސީ؛ލަތްތައް ތަރައްގީ ކުރުމާއި ކޮންސިއުލާ ޚިދުމަތްތައް މިހާރަށް ވުރެ ހަރުދަނާ ކުރުުމަށް ވެސް ދެ ގައުމުގެ ފޮރިން ސެކްރެޓަރީން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ރާއްޖެ އަށް އިންޑިއާ އިން ދޭ އެހީތެރިކަމާއި ބަހައްޓާ ގާތް ކަމަށްޓަކައި، މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޣަފޫރު ޝުކުރު އަދާކުރެއްވި އެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝްރިންގްލާ މާދަމާގެ ނިޔަލަށް ރާއްޖޭގައި މަޑުކުރައްވާނެ އެވެ. އެއީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރުގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށް ވެސް ބުންޏެވެ.
މިއީ މިިދިޔަ ޖެނުއަރީ މަހު މަގާމާ ހަވާލުވެ ވަޑައިގަތް ޝްރިންގްލާ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.