އައިޖީއެމްއެޗްގެ ތަފާސް ހިސާބަށް ބަލާ ނަމަ، މިދިޔަ އަހަރު އެ ހޮސްޕިޓަލުގައި ކުރި، އުރަމަތީގެ 149 ސާޖަރީގެ ތެެރެއިން 58 ސާޖަރީ އަކީ އުރަމަތީ ކެންސަރާ ހެދި ކުރި އޮޕަރޭޝަންތަކެވެ. މިއީ އެންމެ ބައްޔަކަށް އާބާދީގެ ނިސްބަތުން ކިޔަން ގިނަ އަދަދެކެވެ.

ދުނިޔޭގެ "ބްރެސްޓް ކެންސާ އެވެއާނެސް މަންތު" ގެ ގޮތުގައި ފާހަގަކުރާ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން މިވާހަކައެއް އަލުން ދައްކާލައި ހަނދާން ކޮށްދޭން ޖެހެނީ މިހެންވެގެންނެވެ. އެހެންވީމާ މިއީ އަނެއްކާ ވެސް ހަނދާން ކޮށްދިނުމެކެވެ. އުރަމަތީގެ ކެންސަރަށް މަގުފަހި ވެދާނެހެން ހީވާ ކަހަލަ ނިޝާނެއް ފެންނަން ހުރިތޯ ބަލައިފިން ހެއްޔެވެ؟

ޖަވާބަކީ "ނޫނެކޭ" ނަމަ މިއީ ޗެކް ކުރަންވީ ވަގުތެވެ. މި ހިމަނާލަނީ ކެންސަރުގެ އަލާމާތެއް ފެނޭތޯ އުރަމަތި ޗެކު ކުރާއިރު ސިކުނޑީގައި ބަހައްޓަންވީ ނުވަ ކަމެކެވެ.

- އުރަމަތީގެ ސައިޒާއި ބައްޓަމަށް ބަދަލެއް އައިސްފައި ހުރިތޯ ބެލުން

- އާންމުކޮށް އުރަމަތީގައި ހުންނަ ގޮށްތަކަށް ވުރެ ބޮޑުކޮށް ހަރުކޮށް ހުންނަ ގޮށެއް ނުވަތަ ތަންގަނޑެއް ހުރިތޯ ބެލުން

- ހަންގަނޑަށް ބަދަލެއް އައިސްފައި ނުވަތަ ޑިމްޕަލްއެއް ގޮތަށް ތަންކޮޅެއް ވަޅު ވަދެފައި ހުރިތޯ ބެލުން

- ކުލައަށް ބަދަލެއް އައިސްފައި ހުރިތޯ ބެލުން

- ރަތްވެފައި ނުވަތަ ދުޅަވެފައި ހުރިތޯ ބެލުން. ނުވަތަ ފާރުވެފައި ހުރުން.

- ނިޕްލް އަށް ބަދަލެއް އައިސްފައި ހުރިތޯ ބެލުން

- އާދަޔާ ހިލާފަށް އުރަމަތިން ދިޔާ އެއްޗެއް އާދޭތޯ ބެލުން

- ކިހިލިފަތްދޮށާއި އެއްކޮށް އުރަމަތީގައި ތަދު ހަރުލާފައި ހުންނަތޯ ބެލުން

- ކިހިލިފަތްދޮށް ނުވަތަ އުރަރަމައްޗާ ދިމާލުން މަތި ދުޅަވެފައި ހުރިތޯ ބެލުން

މި އަލާމާތްތަކަށް ފަސޭހައިން ޗެކު ކުރާނީ ކިހިނެއް؟

ލޯގަނޑެއްގެ ކުރިމަތީގައި ހުއްޓި ހުރެ، ކުރިން ނުފެންނަ އައިބެއް ފެންނަން ހުރިތޯ ޗެކު ކުރެވިދާނެ އެވެ. ފެންވަރާއިރު، ކަނާތް މައްޗަށް ހިއްލާލުމަށް ފަހު އަނެއް އަތުގައި ސައިބޯނި ހާކާލުމަށްފަހު އަތުގެ ހަތަރު އިނގިލީގެ މަޑު ފުށުން މުޅި އުރަމަތީގައި ވަށައިގެން އަތް ހިންގާލުމުން ގޮށް ނުވަތަ "ލަމްޕް" ހުރި ކަން ފަސޭހައިން ދެނެގަނެވޭނެ އެވެ. އޮށޯވެ އޮވެގެން ވެސް ހަމަ މިގޮތަށް ޗެކް ކޮށްލެވިދާނެ އެވެ.

މި ކަންކަން ސިކުނޑީގައި ބަހައްޓައިގެން މަދުވެގެން މަހަކު އެއް ފަހަރު މިކަހަލަ އަލާމާތްތަކަށް ޗެކް ކޮށްލުމަކީ މުހިއްމު ކަމެކެވެ.